ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު މިއަދު ތަޞްދީޤު ކުރައްވައިފި އެވެ.
މި ބިލަކީ، 19 ނޮވެންބަރު 2025 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ޤާނޫނު ތަޞްދީޤުކުރެއްވުމާއެކު، ދިވެހިރާއްޖޭގައި ޖަނަވާރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މުހިންމު ފިޔަވަޅެއް އަޅައިފިއެވެ.
އެގާރަ ބާބު އެކުލެވޭ މި ބިލުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގައި ރައްކާތެރިކަމާއެކު ޖަނަވާރު ގެންގުޅުމާއި، ވިއްސައި އާލާކުރުމާއި، ވިޔަފާރިކުރުމުގެ ކަންކަން ކުރުމަށް މަގުފަހިކުރުމެވެ. މި ބިލުގައި ޖަނަވާރު ގެންގުޅުމުގައާއި ބެލެހެއްޓުމުގައި އަދި ޖަނަވާރުގެ ޞިއްޙަތާގުޅޭ ކަންކަމުގައި ޢަމަލުކުރަންވީ ގޮތްތައް ބަޔާންކޮށްފައިވެއެވެ. އަދި ޖަނަވާރަށާއި ޖަނަވާރުގެ ޛަރީއާއިން އިންސާނުނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާ ގުޅޭ އުސޫލުތައްވެސް މި ޤާނޫނުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއަށް ޖަނަވާރު އެތެރެކުރުމާއި އެއްތަނުން އަނެއްތަނަށް އުފުލުމާއި ދިވެހިރާއްޖެއިން ބޭރަށް ޖަނަވާރު ގެންދިޔުމުގެ އުސޫލުތައްވެސް މި ބިލުގައި ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ. މި ޤާނޫނު ތަންފީޛުކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު ޙަވާލުވެގެންވާ ފަރާތަކީ، ޖަނަވާރުގެ ޞިއްޙަތާގުޅޭ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު، އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއެވެ. މިގޮތުން، މިނިސްޓްރީގެ މަސްއޫލިއްޔަތުތަކާއި، ކައުންސިލްތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަރަށް ތަފްޞީލީ ގޮތެއްގައި މި ބިލުގައި ބަޔާންކުރައްވާފައިވެއެވެ.
މި ޤާނޫނުގައި، ޤާނޫނާ ޚިލާފުވާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތަކާއި، ފިޔަވަޅު އެޅޭނެ ކުށްތައް ވަނީ ކަނޑައަޅާފައެވެ. އަދި އެޅޭ ފިޔަވަޅަކާ މެދު ހިތްހަމަނުޖެހޭ ހިނދެއްގައި ޝަކުވާ ހުށަހެޅުމުގެ ފުރުޞަތާއި އުސޫލުތައްވެސް މި ބިލުގައި ބަޔާންކުރައްވާފައިވެއެވެ. މިއީ ޖަނަވާރުގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ފުރިހަމަ އޮނިގަނޑެއް ޤާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ބިލު ތަސްދީޤުކުރެއްވުމާއެކު މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 90 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. މި މުއްދަތުގެ ތެރޭގައި ޤާނޫނު ތަންފީޛުކުރުމަށްޓަކައި ބޭނުންވާ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމަށް މަގުފަހިވާނެއެވެ.

