މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރު ނިންމަވައި، މަޖިލީހުގެ މެމްބަރުން މިއަދު ޗުއްޓީއަށް ވަޑައިގެންފިއެވެ. މުހިންމު ބިލްތަކެއް ފާސްކުރުމަށްޓަކައި ޗުއްޓީއަށް ދިއުން ތިން ދުވަހަށް ލަސްކުރި ނަމަވެސް، މިއަދުގެ ޖަލްސާއަށްފަހު މެމްބަރުން ވަނީ ދައުރު ނިންމަވާލައްވާފައެވެ.
އަސްލު ޑިސެމްބަރު 1 ގައި މެމްބަރުން ޗުއްޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތް ނަމަވެސް، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ހުށަހެޅުއްވުމަކަށް، މުހިންމު ބިލުތަކެއްގެ މަސައްކަތް ނިންމުމަށްޓަކައި މެމްބަރުންގެ ވޯޓާއެކު ދައުރު އިތުރުކުރަން ފާސްކުރެވުނެވެ. މަޖިލިސް ނިންމަވާލައްވަމުން ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ، ސަރުކާރު ހިންގުމަށް ނުވަތަ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭން މުހިންމު ބިލެއް އޮތްނަމަ ޗުއްޓީއަށް ނުގޮސް އެ ބިލެއްގެ މަސައްކަތް ނިންމުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ގެންގުޅޭ އުސޫލު ކަމަށެވެ.
މި ފަހު ދައުރުގައި ފާސްކުރެވުނު އެންމެ މުހިންމު އެއް ބިލަކީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެނައި އިސްލާހެވެ. މި އިސްލާހުގެ ދަށުން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށާއި އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިއްތިފާގުވެއްޖެނަމަ، މަރުގެ އަދަބު ކަނޑައެޅޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ފަހު ދައުރުގެ ތަފާސްހިސާބު:
މި އަހަރުގެ ފަހު ދައުރުގައި ޖުމްލަ 28 ޖަލްސާ ބާއްވާފައިވާއިރު، 142 ކޮމިޓީ ބައްދަލުވުން ބާއްވާފައިވެއެވެ. އަދި 15 ބިލް ފާސްކުރިއިރު، ވަޒީރުންނާ 29 ސުވާލު ކޮށްފައިވެއެވެ. މީގެއިތުރުން، ސަރުކާރުން ހުށަހެޅި 16 މައްސަލައަކާއި ރިޔާސަތުން ހުށަހެޅި ނުވަ މައްސަލައެއްގެ މަސައްކަތް ވަނީ ނިންމާލާފައެވެ.
ފާސްކުރި 15 ބިލުގެ ތެރޭގައި މުހިންމު ގާނޫނުތަކަށް ގެނައި އިސްލާހުތައް ހިމެނެއެވެ. އެގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނަށް ގެނައި އިސްލާހާއި، މަތީތައުލީމާއި ތަމްރީނުގެ ގާނޫނަށް ގެނައި އިސްލާހާއި، ޓްރޭޑްމާކް ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ހިމެނެއެވެ. އަދި ގާނޫނުއަސާސީއަށް ގެނައި އިސްލާހަކާއި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ވެސް މި ދައުރުގައި ފާސްކުރި ބިލުތަކުގެ ތެރޭގައި ހިމެނެއެވެ

