ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާ “ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް” ގެ ވެރިޔާ ހުސައިން ސަނީ އުމަރު، 30 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މި އަމުރު ނެރެފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދި ހުށަހެޅުމާ ގުޅިގެންނެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، ސަނީ އުމަރު 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅުނު ކަމަށާއި، މި ހުށަހެޅުމާ އެއްގޮތަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދިޔަ ވަރަކުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް، އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ގަސަދު ކުރާ ކަމަށް ޕީޖީން ވަނީ ހާމަކުރައްވާފައެވެ.
ސަނީ އަށް މި ތުހުމަތުތައް ކުރެވުމާއެކު އޭނާ ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމަށް އެނގިފައިވެއެވެ. އޭނާ އަނބުރާ ރާއްޖެ އައިސް އެއާޕޯޓުން ނުކުތުމާއެކު ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޔުނިޓަށް ވަނީ ހާޒިރުކޮށްފައެވެ. އޭނާއާ ސުވާލު ކުރުމަށް ފަހު ދޫކޮށްލުމަށްފަހު، އޭނާ ހައްޔަރުކޮށްފައިވަނީ ފުރަން ވެގެން އެއާޕޯޓަށް ގޮސް ހުއްޓައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް އެއިރު ވިދާޅުވީ، ޖިނާއީ މައްސަލައެއްގެ ތުހުމަތު އޮއްވާ، އަދި ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނުމަށްފަހު، ސަނީ އުމަރު ރާއްޖެއިން ފުރައިން ދާން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލުމަށްފަހު، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ސަނީ އުމަރުގެ ފަރާތުން އަނިޔާ ލިބިފައިވާ ކުދިންގެ އާއިލާތަކުން އޭނާއާ ދެކޮޅަށް މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުމާއެކު އޭނާ ކުރިން ވަނީ އިންޑިއާއަށް ގޮސްފައެވެ. އަނިޔާ ލިބުނު ކުދިންގެ އާއިލާއިން ބުނެފައިވާ ގޮތުގައި މީގެ 10 އަހަރު ކުރިން ފެށިގެން އެކި ގޮތް ގޮތުން އާއިލާގެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަން ސަނީ އުމަރު ވަނީ ފަށާފައި ކަމަށާއި، އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ބައެއް ކުދިންނަށް ވަރަށް ބޮޑަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ.
މި މައްސަލަ ފެންމަތިވުމާ ގުޅިގެން، ސަނީ އުމަރުގެ ކުންފުނި ކަމަށްވާ ޓްރެވަލް ގައިސް އިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ކުންފުނީގައި އޮތް ސަނީގެ ހިއްސާތައް އަތުލުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށާއި، ސަނީގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ކުންފުނިން ދޭނެ ކަމަށެވެ. އަދި އޭނާ އެ ކުންފުނީގައި އަދާކުރަމުންދިޔައީ އެ ކުންފުނީގެ މެނޭޖްމަންޓު ރޯލެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑަކީ ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމެކެވެ.

