ދިވެހިރާއްޖެއިން މަސައްކަތްކުރަނީ ނުކުޅެދުންތެރިކަން ހުންނަ އެންމެހާ ފަރާތްތައް ބާރުވެރިކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ. ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން އެކަމަނާ ވަނީ މިކަން ފާހަގަކުރައްވާ، އެފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.
ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް އިހުތިފާލުކުރުމާ ގުޅިގެން، ފަސްޓް ލޭޑީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ހުރިހާ ފަރާތްތަކުގެ ހިތްވަރުގަދަކަމާ، ކާމިޔާބީތަކާ، ގާބިލްކަމަށް ސާބަސް ދެއްވައިފައެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، މިފަދަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ފަހިވެގެންދާނެ މުޖުތަމައެއް ބިނާކުރުމަށް ދިވެހިރާއްޖެއިން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސާޖިދާ މުޙައްމަދު ވިދާޅުވީ، އެހެން އެންމެނެކޭވެސް އެއްފަދައިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގައި އެންމެންވެސް ބަލައިގަންނަ ބަޔަކަށްވުމުގެ ފުރުސަތާއި ކުރިއެރުމުގެ ފުރުސަތު އޮންނަންވާނެ ބައެއް ކަމަށެވެ. އެހެންކަމުން، އެފަރާތްތަކަށް ހިތްވަރުދިނުމަކީ އެންމެންވެސް އެކަމަށް ފަޚުރުވެރިވާންޖެހޭ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ ދިރިއުޅުމަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް މަދުކުރުމަށް އެންމެން ވެސް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ފަސްޓް ލޭޑީ ވަނީ އިލްތިމާސްކުރައްވާފައެވެ. މި މަސައްކަތްތަކުގެ ތެރެއިން މި ފަރާތްތަކަށް މުޖުތަމަޢުގެ ތެރޭގައި ފުރިހަމަ ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

