މޫސާ ލަތީފު ލިޔުއްވާފައިވާ ކުޑަކުދިންގެ ވާހަކަ ސިލްސިލާ “ދޮންކޮ” މިއަދު ނެރެފި އެވެ.
ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު ނޫސްވެރިޔާ އަދި ނޫސްވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު މިދިޔަ އަހަރު ހޯއްދަވާފައިވާ މޫސާ ލަތީފު ލިޔުއްވާފައިވާ ކުޑަކުދިންގެ ވާހަކަ ސިލްސިލާ “ދޮންކޮ” މިއަދު ރަސްމީކޮށް ނެރެފި އެވެ. މި ސިލްސިލާ ނެރުމުގެ މަގްސަދަކީ ނެތެމުންދާ ދިވެހި ބަސް ދިރުވައި، ކުޑަކުދިންނަށް އެ ބަހުން ކިޔާނެ ފޮތްތަކެއް ލިޔުމަށް ކުރެވުނު މަސައްކަތެއް ކަމަށް މޫސާ ވިދާޅުވިއެވެ.
ސިޓްރޮން ރެސްޓޯރެންޓުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ސިލްސިލާ ފޮތްބައި ނެރެދެއްވީ ނޫސްވެރިކަމުގެ ދާއިރާ އަށް މޫސަ ނެރެދެއްވި ހަވީރު ނޫހުގެ ބާނީ އަދި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމުގައި މިހާރު ހުންނެވި ޑރ. މުޙައްމަދު ޒާހިރު ހުސައިން އެވެ. މި ހަފުލާގައި މޫސާއާ އެކު ނޫސްވެރިކަމުގައި ގިނަ އަހަރުތަކެއް ހޭދަކުރި ނޫސްވެރިންނާއި ރާއްޖޭގެ މަޝްހޫރު ނޫސްވެރިންނާއި ލިޔުންތެރިން ބައިވެރިވިއެވެ.
ތަޖުރިބާކާރު ލިޔުންތެރިޔާ މޫސަގެ އަމިއްލަ ސިލްސިލާ ފޮތްބައި، “ދޮންކޮ” ގެ ކެރެކްޓަރގެ ފަސް ފޮތެއް މިވަގުތު ހިމެނެ އެވެ. އެއީ “ދޮންކޮ އާއި އެދުރުބެ”، “ކެތީގެ ބޮޑު ތޫފާން”، “ކަމަނަގެ ކަޅު ލައް”، “ކަނޑު ވިގަނި”، އަދި “އިއައްކަ” އެވެ. މޫސާ ވިދާޅުވީ މިއީ 11 އަހަރު ކުރިން ލިޔުއްވާފައިވާ ވާހަކަތަކެއް ކަމަށާއި މި މަސައްކަތުގެ ފެށުން މިއަދު ނެރުނީ ކަމަށެވެ. އަދި މުސްތަގްބަލުގައި “ދޮންކޮ” ގެ ކެރެކްޓަރ އިތުރަށް ފުޅާކޮށް އެކި އުމުރުފުރާތަކާ ގުޅޭ ގޮތުން އިތުރު ފޮތްތައް ނެރުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މޫސާ ލަތީފަކީ 1987 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގައި ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ. އޭނާ ވަނީ “ހަވީރު” ނޫހާއި “މިހާރު” ގެ އެޑިޓަރުކަން ކުރައްވާފައެވެ. އަދި މިވަގުތު އޭނާ ހުންނެވީ “ދައުރު” ނޫހުގެ އެޑިޓަރުގެ މަގާމުގައެވެ. މޫސާގެ މަޝްހޫރު ލިޔުންތަކުގެ ތެރޭގައި “އަނދިރިފަރާތް”، “އަނިޔާ”، “އެކަނި” އަދި “ހިމޭން ދުނިޔެ” ފަދަ ވާހަކަތައް ހިމެނެއެވެ. ނޫސްވެރިކަމުގެ ދާއިރާގައި އޭނާ ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ތެރޭގައި 2024 ވަނަ އަހަރުގެ ނޫސްވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހިމެނެއެވެ.
މޫސަގެ ކުޑަކުދިންގެ ފޮތްތައް ވިއްކުމަށް ހަމަޖެހިފައިވަނީ ފޮތެއް 65ރ. އަށެވެ. ނަމަވެސް، ފަސް ފޮތް އެއްކޮށް ގަންނަ ނަމަ ޚާއްސަ އަގެއްގައި 315ރ. އަށް ލިބޭނެ އެވެ. ފޮތް ގަންނަން ބޭނުންވާ ފަރާތްތަކުން 7335353 އަށް ވައިބާ ކުރުމުން ފޮތް ލިބޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ވަނީ ހާމަކުރެވިފައެވެ.

