ގއ. ވިލިނގިލީގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ޕޮލިސް އެކޮމޮޑޭޝަންގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ބުނެފިއެވެ. މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު އާރްޑީސީން ވަނީ މިއަދު އެކްސް (ކުރީގެ ޓްވިޓާ) ގައި ޕޯސްޓުކޮށްފައެވެ.
އާރްޑީސީން ހާމަކުރި ގޮތުގައި މިއީ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްދާ މުހިންމު މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ދަށުން މިވަގުތު އެންމެ ބާރަށް ކުރިއަށްދަނީ ރެއިންފޯސްމަންޓް ބެންޑިންގްގެ މަސައްކަތް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މީގެއިތުރުން، ޕޮލިސް އެކޮމޮޑޭޝަން އިމާރާތުގެ ޓީ ބީމް ކޮންކްރީޓްގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް އާރްޑީސީން ވަނީ ހާމަކޮށްފައެވެ. މި މަޝްރޫއު ނިމުމުން ގއ. ވިލިނގިލީގައި މަސައްކަތް ކުރާ ފުލުހުންނަށް ދިރިއުޅުމަށް ބޭނުންވާ ޒަމާނީ ފެންވަރުގެ އެކޮމޮޑޭޝަން ލިބިގެންދާނެއެވެ.

