ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ސްރީލަންކާގެ ރައްޔިތުންނަށް ލިބުނު އެހީތެރިކަމުގެ ސަބަބުން، ލަންކާ އާއި ރާއްޖެއާ ދެމެދު އޮތް ވަރުގަދަ ގުޅުން ފެނިގެންދިޔަކަމަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ލަންކާއަށް ކުރިމަތިވި ގުދުރަތީ ކާރިސާގައި ދިވެހިން ދެއްވި އެހީތެރިކަމަށް ޚާއްސަ ޝުކުރެއް އަދާކުރައްވަމުންނެވެ.
އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރެއްވި ޕޯސްޓެއްގައި ލަންކާގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ދިވެހިރާއްޖެއިން ލަންކާގެ ރައްޔިތުންނަށް ވެދިން ދީލަތި އެހީތެރިކަމަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. ލަންކާގެ ރައީސް ވިދާޅުވީ، “ސިލޯނާއެކު ދިވެހިން” ޓެލެތޯނުން ވެސް ދިވެހިރާއްޖެ އިން ލަންކާގެ ރައްޔިތުންނަށް އަބަދުވެސް ތާއީދުކުރާނެކަން ޔަގީންވި ކަމަށެވެ. އަދި ރާއްޖެއިން ދެއްކެވި އެއްބައިވަންތަކަމަކީ، ދެ ގައުމުގެ ދެމެދު އޮންނަ ވަރުގަދަ ގުޅުން ރަމްޒުވެގެންދިޔަ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ލަންކާއަށް ކުރިމަތިވި އުނދަގޫ ޙާލަތާ ގުޅިގެން، ދިވެހި ސަރުކާރުން އެޤައުމަށް އެހީ ފޯރުކޮށްދޭނެކަން އިޢުލާނުކުރީ ނޮވެމްބަރު 29 ވަނަ ދުވަހުއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން އެދުވަހު އާއްމުކުރި ބަޔާނުގައި ބުނީ ލަންކާއަށް އެހީވާން ދިވެހި ސަރުކާރުން 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ދޭން ނިންމާފައިވާ ކަމަށެވެ. މި އެހީގެ ގޮތުގައި 50،000 ޑޮލަރު ޙަވާލުކުރިއިރު، 25،000 ކޭސް މަސްދަޅު ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެ ފައިސާގެ ލިޔުން ޙަވާލުކޮށްދެއްވީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްޢޫދު ޢިމާދުއެވެ. ފައިސާގެ ލިޔުމާ ލަންކާއިން ޙަވާލުވެވަޑައިގަތީ އެޤައުމުގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާއެވެ.
މީގެ އިތުރުން، ސްރީ ލަންކާ އަށް އެހީވުމަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމާއި ރާއްޖޭގެ އެހެން މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯނުން ވަނީ އަށްލައްކަ އަށް ވުރެ ގިނަ ޑޮލަރު ހޯދައިފައެވެ. މިކަމުން ދިވެހި ރައްޔިތުންގެ ހިތްހެޔޮކަމާއި އެއްބައިވަންތަކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.
މި އެހީތަކަށް ބޭނުންޖެހުނީ، ތޫފާން “ދީތުވާ” ގައި ލަންކާގެ 25 އަވަށަކަށް އަސަރުކޮށް، ސުނާމީއަށް ފަހު އެޤައުމަށް ކުރިމަތިވި އެންމެ ބޮޑު ގުދުރަތީ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެންނެވެ. އެޤައުމުގެ މީޑިއާތަކުން ކަށަވަރުކޮށްދޭ ގޮތުގައި މިހާތަނަށް 474 މީހަކު މަރުވެ، 356 މީހަކު ގެއްލި، 1.58 މިލިއަން މީހުންނަށް ވަނީ މި ހާދިސާގެ އަސަރުކޮށްފައެވެ.

