އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ކަރަންޓު ކެނޑިފައިވާ ލ. ގަމަށް ރޭ އެއްކޮށް ކަރަންޓު ދީފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. މުޅި ރަށަށް ކަރަންޓު ދެވުނީ މިރޭ 23:25 ގައެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު ފަހު ގަން ތުނޑި، އިންޖީނުގޭގައެވެ.
ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި، ފެނަކަ އިންޖީނު ގޭގައި ރޯވި އަލިފާން 15:50 އެހާކަންހާއިރު ނިއްވާލެވިފައިވެއެވެ. މި ހާދިސާގައި އިންޖީނު ގޭގައި ބޭނުންކުރަމުންދިޔަ 1 ޖަނަރޭޓަރަށް ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަލިފާން ރޯވެފައި ވަނީ އެރަށުގެ ދެ އެނެކްސްގެ ތެރެއިން އެނެކްސް އެކެއްގައެވެ. އެނެކްސް ދޭއްއަށް އަލިފާނުގެ އަސަރުކޮށްފައެއް ނުވެއެވެ.
ފެނަކަގެ އޮފިޝަލަކު ރޭ ވިދާޅުވީ، އެނެކްސް ދޭއްގައި ހިމެނޭ 1،200 ކިލޯ ވޮޓްގެ ދެ ޖެންސެޓް މިހާރު ޖައްސާފައިވާ ކަމަށާއި އެރަށަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ. މިގޮތުން މިހާރު މުޅި ރަށަށް އެއްކޮށް ކަރަންޓު ދެވިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މުޅި ރަށަށް ކަރަންޓު ދެވުނީ މިރޭ 23:25 ގައި ކަމަށް އޮފިޝަލް އިތުރަށް ވިދާޅުވިއެވެ.
ފެނަކަ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ހާދިސާއާއި ގުޅިގެން މިހާތަނަށް ބެލިބެލުމުން (ވިޝުއަލް އިންސްޕެކްޝަން) އިން ފާހަގަވެފައިވާ ގޮތުން، ގެއްލުން ވެފައި ވަނީ އެ ރަށަށް ކަރަންޓް ދޭ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނަކަށެވެ. އަދި މި ހާދިސާގެ ސަބަބުން އިންޖީނުގެއަށާއި، ޕެނަލްތަކަށް ދިމާވި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް ފެނަކަ އިން ވިދާޅުވެފައި ވެއެވެ.
ކަރަންޓުގެ ހިދުމަތް ދިނުމުގެ އިތުރުން، މިހާރު އެރަަށަށް ފެނުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށްވެސް ފެނަކަ އިން ވިދާޅުވެފައި ވެއެވެ. ނަރުދަމާ ނިޒާމުގެ މަސައްކަތަށް ހާއްސަ ޓީމްތަކުން އަންނަނީ އެރަށުގެ ނަރުދަމާ ނިޒާމުގައި އެއްވެސް މައްސަލައެއް އުޅޭތޯ ބަލަމުން ކަމަށްވެސް ފެނަކަ އިން ބުނެފައި ވެއެވެ.

