ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، އަޙްމަދު މަޚްލޫފް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި މަޚްލޫފް ސަފީރުކަމަށް ޢައްޔަންކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމާ ގުޅިގެންނެވެ. ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ރާއްޖޭން ބޭރު ޤައުމުތަކަށް ސަފީރުން އައްޔަންކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.
ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް މަޚްލޫފު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ މިދިޔަ ބުދަ ދުވަހުއެވެ. މަޚްލޫފަކީ ސިޔާސީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސިޔާސީ ދާއިރާއަށް ނިކުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ޑީއާރުޕީންނެވެ. އޭގެ ފަހުން އޭނާ ވަނީ އެމްޑީޕީއާ ގުޅިވަޑައިގެން ނިމިދިޔަ ވެރިކަމުގައި ކުޅިވަރާއި ބެހޭ ވަޒީރުކަންވެސް ކުރައްވާފައެވެ.
ގިނަ އަހަރުތަކެއްވަންދެން ސިޔާސީ މަސައްކަތް ކުރައްވާފައިވާ މަޚްލޫފް އެމްޑީޕީން ވަކިވެ ވަޑައިގަތުމަށްފަހު، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާއި ގުޅިވަޑައިގަތީ މިމަހުގެ 14 ވަނަ ދުވަހުގެރޭ ބޭއްވި ޚާއްސަ ހަފްލާގައެވެ. މި ސަފީރުކަމަށް އައްޔަންކުރެއްވުމާއެކު، ޖަޕާނާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ބެލެވެއެވެ.

