ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ހިދުމަތުން ނ. އަަތޮޅުގެ ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ. މިގޮތުން ވެލިދޫއަށް ސީޕްލޭންގެ ފުރަތަމަ ޝެޑިއުލް ދަތުރު އޮތީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.
މޯލްޑިވިއަން އިން ވިދާޅުވީ، މިއީ އެއް ރަށާއި އަނެއް ރަށާއި ދެމެދު ކަނެކްޓިވިޓީ އިތުުރު ކުރުމާއި، ސަރަހައްދީ ތަރައްގީއަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ފަށާ ދަތުރުތަކެއް ކަމަށެވެ. މި ހިދުމަތް ފެށުމުގެ ސަބަބުން އެ އަތޮޅަށް ދަތުރު ކުރުމުގެ އިތުރު މަގެއް ފަހިވުމުގެ އިތުުރުން އަތޮޅުގެ ފަތުރުވެރިކަން ފުޅާ ކުރުމަށްވެސް އެހީތެރިވެގެން ދާނެ ކަަމަށް މޯލްޑިވިއަން އިން ފާހަގަކުރެއެވެ.
މޯލްޑިވިއަން އިން ނިންމާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މާލެ އާއި ވެލިދޫއާ ދެމެދު ހަފްތާއަކު ދެ ދުވަހު ސީޕްލޭން ދަތުރުތައް ބާއްވާށެވެ. އެއީ ކޮންމެ ހަފްތެއްގެ ބުދަ އަދި ހުކުރުގައެވެ. މި ހިދުމަތް އެރަށަށް ފެށުމާއި ގުޅިގެން ދިވެހިންނަށް ހާއްސަ ޕްރޮމޯޝަނަލް އަގެއްވެސް މޯލްޑިވިއަން އިން ވަނީ ހަމަޖައްސާފައެވެ. އެއީ ކޮޅަކަށް 999ރ. އެވެ.
މި ހިދުމަތް ވެލިދޫއަށް ފެށުން ވެގެން ދާނީ ނ. އަތޮޅުގެ ރަށްތައް ބަލައިލަން ދާން ބޭނުންވާ ފަރާތްތަކަށް ލިބޭ ރަނުގެ ފުރުސަތަކަށެވެ. މިގޮތުން ދަތުރުވެރިންނަށް މި އަތޮޅުގެ ރީތި ގޮނޑުދޮށްތަކާއި، ރަށްރަށުގެ ވައްޓަފާޅި، ސަގާފަތާއި ކެއުންތައް ތަޖުރިބާކޮށް، މީހުންނާއި ބައްދަލުވެ ގުޅުން ބަދަހި ކުރުމަށް ފަސޭހަ މަގެއް ފަހިވެގެންދާނެއެވެ. މޯލްޑިވިއަން އިން މިހާރުވެސް ރިސޯޓްތަކުގެ އިތުރުން، ކަމަދޫ، ފުޅަދޫ އަށް ސީޕްލޭން ދަތުރުތައް ކުރެއެވެ.
ބުކިން އަދި އިތުރު މައުލޫމާތު ހޯދުމަށް scc@iasl.aero އަށް ނޫނީ 1671 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

