މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ “އޮޕަރޭޝަން އަލިމަގު”ގެ ތެރެއިން، އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއްގެ އިސް ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން މިއަދު ވިދާޅުވީ، މިމަހުގެ ތިން ވަނަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރެވުނު މި މީހުންނަކީ އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައިސްފައިވާ ނެޓްވޯކެއްގެ އިސް ފަރާތްތައް ކަމަށެވެ.
މި ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑާ ކުރުމުގެ އިންވެސްޓިގޭޝަނެއް ފުލުހުން ފަށާފައިވަނީ މި އަހަރު މާޗް މަހުން ފެށިގެންނެވެ. ފުލުހުން ހޯދާފައިވާ ގޮތުގައި މި ނެޓްވޯކްގެ ތެރެއިން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ވަނީ ހާމަވެފައެވެ.
އެ ނެޓްވޯކްގެ މާލީ މުޢާމަލާތްތަކަށް ބަލާއިރު، ފާއިތުވި ފަސް އަހަރުގެ ތެރޭގައި ހައްޔަރުކުރެވުނު އިސް ހަތަރު މީހުންގެ އެކައުންޓްތަކުގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިއީ މަނީ ލޯންޑަރިންގެ ބޮޑެތި މައްސަލަތަކެއް ކަމަށް ފުލުހުން ބުނެއެވެ.
އޮޕަރޭޝަން އަލިމަގަކީ މިދިޔަ މަހުގެ 13 ވަނަ ދުވަހު މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ފެށި ހާއްސަ އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަން ފެށުނު ފަހުން ޖުމްލަ 110 މީހުން ހައްޔަރުކޮށް، 29.68 ކިލޯގެ ޑްރަގް ފުލުހުން ވަނީ ހޯދާފައެވެ.
ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނަކީ މިހާރުވެސް ކުރިއަށްދާ އޮޕަރޭޝަނަކަށްވާތީ، މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު އާންމުކުރަމުންދާނެ ކަމަށެވެ.

