މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ އުތުރު ފަރާތް ހަތަރު ލޭނަށް ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާއިރު، ސެގްމަންޓް 1 ގެ 97 އިން ސައްތަ މަސައްކަތް މިހާރު ނިމިއްޖެ އެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ.
އެމްޓީސީސީން ބުނެފައިވާ ގޮތުގައި، ސެގްމަންޓް 1 ގެ ތާރު އެޅުމުގެ މަސައްކަތް ވެސް ވަނީ ނިމުމަކާ ހަމައަށް އައިސްފަ އެވެ. އޮފިޝަލަކު ވިދާޅުވި ގޮތުގައި، ތާރު އެޅުމުގެ މުޅި މަސައްކަތް މިއަދުގެ ނިޔަލަށް ނިމޭނެ އެވެ. މީގެ އިތުރުން، މަގުގައި ރޯޑް މާކިން އާއި ސައިން ބޯޑުތައް ހަރު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ނިމޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މާލޭގެ އެންމެ ބޭރުގައި އޮންނަ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓް 21 ގައެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 830 މީޓަރުގެ މަގެއް ހަދާއިރު، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭނަށް މަގު ހެދުމާއި، ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް 830 މީޓަރުގެ މަގުގައި ތާރު އެޅުން ހިމެނެ އެވެ.
މީގެ އިތުރުން މަޝްރޫއުގެ ދަށުން ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި، ފެން ހިންދާ ނިޒާމެއް ވެސް ގާއިމު ކުރެވޭނެ އެވެ. އަދި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ އެވެ. މިއީ 144 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރު އޭޕްރީލް މަހުގަ އެވެ.

