ގދ ފިޔޯރީ ކައުންސިލުގެ ބީފާން ވޮލީމުބާރާތް 2026 ގެ އެކިއެކި ޕާޓްނަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިމުބާރާތުގެ ފޮޓޯގްރަފީ އަދި ބްރޭޑިން ޕާޓްނަރަކީ ރާޅު އާޓްސް އެންޑް ޑިޒައިންއެވެ.
އަންނަ އަހަރުގެ ޖެނުއަރީ 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ރާއްޖޭގެ ދެކުނުގައި ބޭއްވޭ އެންމެ ފޯރިގަދަ އެއް މުބާރާތެވެ. މި މުބާރާތް ހާއްސަވެގެންދާ ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ނަންމަޝްހޫރު ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް މި މުބާރާތުގައި ކުޅޭނެއެވެ.
މުބާރާތުގެ ޕާޓްނަރުންނަށް ހުޅުވާލީ ޓައިޓަލް ސްޕޮންސަރ، ޕްލެޓިނަމް ޕާޓްނަރ، ގޯލްޑް ޕާޓްނަރ، ސިލްވަރ ޕާޓްނަރ، ބްރައުންޒް ޕާޓްނަރ، ޓްރެވަލް ޕާޓްނަރ، ބެވަރޭޖް ޕާޓްނަރ، ލައިވް ސްޓްރީމް ޕާޓްނަރގެ އިތުރުން އެކޮމަޑޭޝަން ޕާޓްނަރ އެވެ.

މުބާރާތުގެ ސްޕޮންސާއާއި ބެހޭ އެއްވެސް މައުލޫމާތެއް ސާފުކޮށްލަން ބޭނުންވެއްޖެ ނަމަ 7986994 އާއި ގުޅުއްވުން އެދެމެވެ.
މިމުބާރާތް ރާވައި ހިންގުމާއި އިންތިޒާމް ކުރުމުގެ ހުރިހާ ކަމެެއް ހަވާލުކޮށްފައިވަނީ ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަރމަންޓް ( ފޭސް ) އާއިއެވެ. ފޭސް އަކީ މުބާރާތްތަކާއި އިޖްތިމާއީ ހަރަކާތްތައް ރާވައި ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އެސޯސިއޭޝަނެކެވެ. އެންމެ ފަހުން ނިމިދިޔަ ގދ އަތޮޅު ކައުންސިލް ވޮލީ މުބާރާތް ހޯސްޓް ކުރީވެސް ފޭސް އިންނެވެ.
2 ޑިވިޝަނަށް ހުޅުވާލައިގެން އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މި ޑިސެމްބަރ 15 ވަނަ ދުވަހުގެ 21:00 ގެ ކުރިންނެވެ.
މުބާރާތް އިއުލާން ކުރުމާއި ގަވާއިދު ރަނގަޅުވުމާއި އެކު ދެކުނުގެ 3 ސިޓީ (އައްޑޫ، ފުވައްމުލައް. ތިނަދޫ ) ގެ ޓީމްތައް ބައިވެރި ވާނެ ކަމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ. އަދި އައްޑޫ ސިޓީ، ފުވައްމުލައް ބައެއް ޓީމްތަކުން ވަނީ ރަޖިސްޓްރޭޝަނަށް ފޯމް ވެސް ލާފައެވެ. މުބާރާތުގައި ޓީމްތަކުން ފެންނާނެ ރާއްޖޭގެ މަޝްހޫރު ކުޅުންތެރިންނަށް ބަލާއިރު، އަލީ ހުޒާމް، ބަޓިޝް، އަޒީމް، ރިމޭގެ އިތުރުން ގައުމީ ޓީމްގެ އެހެން ކުޅުންތެރިންވެސް ހިމެނެއެވެ. އަންހެން ޓީމްތަކަށް މިހާރުވެސް އަންނާނެކަމަށް ޔަގީން ކުރެވިފައިވާ ކުޅުންތެރިންގެ ތެރޭގައި، މާޖިދާ، ހައްވަ، މާޔާ، ޝަހާ، ސަމްހާ، އަރީޝާ ގެ އިތުރުން އެހެން ކުޅުންތެރިންވެސް ހިމެނެއެވެ.
މި ފަހަރުގެ މުބާރާތުގެ ތަފާތަކީ ރާއްޖެއިން ބޭރުގެ ބިދޭސީ ކުޅުންތެރިންނަށް ކުޅެވޭ ގޮތް ވުމެވެ. މި މުބާރާތުގައި ރާއްޖެއިން ބޭރު ކުޅުންތެރިން ފެންނާނެ ކަމަށް ބެލެވޭ އިރު ބައެއްޓީމްތަކުން ވަނީ ކުޅުންތެރިން ޝޯޓު ލިސްޓް ކޮށްފައެވެ.
ޓީމް ލިސްޓެއްގައި ރަށުންބޭރު 3 ކުޅުންތެރިން ހިމެނޭއިރު ކޮންމެ ޓީމެއްގައި ގިނަވެގެން ހިމެނޭނީ 2025 ވަނަ އަހަރުގައި އެކުލަވާލައިފައިވާ ގައުމީ ޓީމުގައި ހިމެނޭ ކުަޅުންތެރިންގެ ތެރެއިން 2 ކުަޅުންތެރިން ނުވަތަ 2025 ވަނަ އަހަރުގައި އެކުލަވާލައިފައިވާ ގައުމީ ޓީމުގައި ހިމެނޭ ކުަޅުންތެރިންގެ ތެރެއިން 1 ކުޅުންތެރިން އަދި ދިވެހި ރާއްޖެއިން ބޭރު އެއްކުޅުންތެރިންނެވެ. މީގެ އިތުރުން ރަށު މީހަކާއި އިނދެގެން ނުވަތަ މަންމަ ބައްޕަ އެރަށެއްގައި ނަމަ ރަށު ކުޅުންތެރިޔަކަށް ކުޅެވިދާނެއެވެ.
އަންހެން އަދި ފިރިހެން ޑިވިޝަނަނަށް ބަހާލައިގެން ކުރިއަށްދާ މިދިޔަ އަހަރު ފޭސްއިން ބޭއްވި ގދ އަތޮޅު ކައުންސިލް މުބާރާތުގައިވެސް އަތޮޅު ރަށްތަކުގެ ޓީމްތަކުން ވަނީ ބައިވެރިވެފައެވެ. 2021 ވަނަ އަހަރު ބޭއްވުނު މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ފިޔޯރީ ވޮލީ ޓީމެވެ. މިދިޔަ އަހަރުގެ އަންހެން ޗެމްޕިއަންޓީމަކީ ފިޔޯރީއެވެ. ނަޑެއްލާއާއި ވާދަކޮށް ސީދާ 3 ސެޓުން އެމެޗު ކާމިޔާބު ކުރިއެވެ. ފިރިހެން ޗެމްޕިއަނުންނަކީ ވެސް ފިޔޯރީއެވެ. ފިޔޯރީ ޗެމްޕިއަންކަން ހޯދީ ރަތަފަންދޫ 3-2 އިން ބަލިކުރުމަށް ފަހުއެވެ.

