ތޫފާނުގެ ސަބަބުން ގެއްލުން ލިބުނު ޤައުމުތަކަށް އެހީތެރިވުމުގެ ގޮތުން، އެމްފައިސާ މެދުވެރިކޮށް ބައިނަލްއަޤްވާމީ މަނީ ޓްރާންސްފަރ (އައިއެމްޓީ) ކުރުމުގައި އިތުރު އެއްވެސް ފީއެއް ނުނަގައި، ފައިސާ ފޮނުވޭނެ އިންތިޒާމް އުރީދޫ ފިންޓެކް މޯލްޑިވްސްއިން ހަމަޖައްސައިފިއެވެ. މި ޚިދުމަތް ދިނުމަށް ހަމަޖައްސާފައިވަނީ މި ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކާއި މުޖުތަމަޢަށް އަވަސް އަދި ރައްކާތެރިކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ.
އުރީދޫ ފިންޓެކް މޯލްޑިވްސްއިން ހާމަކުރެއްވި ގޮތުގައި، މި ޚިދުމަތް 1 ޑިސެންބަރުން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށް ލަންކާ، އިންޑޮނޭޝިއާ، މެލޭޝިއާ އަދި ތައިލެންޑަށް ޓްރާންސްފާ ޗާޖެއް ނުނަގާ ވަގުތުން ވަގުތަށް އަދި ރައްކާތެރިކަމާއެކު ފައިސާ ފޮނުވޭނެއެވެ. މި ޚިދުމަތަކީ މަނީގްރާމްއާ ގުޅިގެން އެމް-ފައިސާގެ އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ (އައިއެމްއާރު) ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް ފޯނުން ވަގުތުކޮޅެއްގެ ތެރޭގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެ ގޮތަށެވެ.
އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ހަމާދީ ވިދާޅުވީ، ދިވެހިރާއްޖެއަކީ މި ސަރަޙައްދުގެ އަވަށްޓެރި ޤައުމުތަކާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއް ކަމަށެވެ. އަދި ޓްރާންސްފަރ ފީ އާނުލައި، ރައްކާތެރި ޑިޖިޓަލް ރެމިޓެންސްތައް ވަގުތުން ފޯރުކޮށްދިނުމަކީ، މި ދަތި އުނދަގޫ ދަނޑިވަޅުގައި އެހީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. “އަޅުގަނޑުމެންގެ އަމާޒަކީ ޓެކްނޮލޮޖީ އަކީ މާނަވީ މަގްސަދެއް ހާސިލް ކުރާ އެއްޗެއްކަން ކަށަވަރު ކުރުން، އެއީ މީހުން ގުޅުވާލުމާއި، މުޖުތަމައުތައް ވަރުގަދަކޮށް، އެންމެ މުހިންމު ވަގުތުތަކުގައި އަވަސް އެހީ ފޯރުކޮށްދިނުން” ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
މި ޚިދުމަތް މެދުވެރިކޮށް ދުވާލަކު 10،000 ޑޮލަރާ ހަމައަށް ފައިސާ ޓްރާންސްފަރ ކުރެވޭނެ ލިމިޓެއް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، އެމްފައިސާ އެޕް ބޭނުންކޮށްގެން ރިއަލް ޓައިމް ޓްރާންސެކްޝަން ޓްރެކިން، ފައިސާ ވޮލެޓަށް އެޅުމުން ކަސްޓަމަރުންގެ މައުލޫމާތު ފުރިހަމަކޮށް، ޑިޖިޓަލްކޮށް ޓްރާންސްފަރ ފުރިހަމަކޮށް، ފައިސާ ޑެލިވަރީ ސްޓޭޓަސް ބެލޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ. މި އެހީގެ ސަބަބުން ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ބޭނުންކޮށް، މުޖުތަމަޢަށް އެހީތެރިވުމަށާއި، ސަރަޙައްދީ ގުޅުންތައް ބަދަހިކުރުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުރީދޫން ވިދާޅުވިއެވެ.

