އޮޑިޓާ ޖެނެރަލް އޮފީހުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބާރު ސްޕީޑެއްގައި ކުރިއަށް ގެންދާކަމަށް އެ ކުންފުނިން ބުނެފިއެވެ. މި މަސައްކަތުގެ ދަށުން މިހާރު ވަނީ އިމާރާތުގެ ފައުންޑޭޝަން މަސައްކަތް ނިންމުމަށްފަހު، ތަނބުތައް ޖަހައި، ފުރަތަމަ ފަންގިފިލާގެ ޝީޓް އެޅުމުގެ މަސައްކަތްވެސް ނިންމާލާފައެވެ.
މި މަޝްރޫއަކީ 730 ދުވަސް ތެރޭގައި ނިންމާ ގޮތަށް 2022 ވަނަ އަހަރުގެ އޮގަސްޓު މަހު އެމްޓީސީސީއާ ހަވާލުކުރެވުނު މަޝްރޫއެކެވެ. ނަމަވެސް، މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައި އޮޑިޓާ އޮފީހުގެ އާ އިމާރާތުގެ ބިންގާ އެޅީ މިދިޔަ އަހަރުގެ މާރޗް މަހުގައެވެ. އެމްޓީސީސީން ހާމަކުރައްވާ ގޮތުގައި މިހާރު މަސައްކަތް ދަނީ ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަމުންނެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުގެ ބޭނުމަށް ތަރައްގީކުރެވޭ މި އިމާރާތަކީ ހަ ބުރީގެ އުސްމިނުގައި ބިނާކުރާ އިމާރާތެކެވެ. 17،426.40 އަކަފޫޓުގެ ސަރަހައްދެއްގައި ތަރައްގީކުރެވޭ މި އިމާރާތުން ޖުމުލަ 77،718.10 އަކަފޫޓުގެ ޖާގަ ލިބިގެންދާނެއެވެ. މި އިމާރާތުގެ އުސްމިނުގައި 23.1 މީޓަރު ހުންނާނެ ކަމަށާއި، މިއީ 138.67 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މި އާ އިމާރާތް ބިނާކުރުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ސްޓާފުންނަށް މަސައްކަތްކުރުމަށް އެކަށީގެންވާ މާހައުލެއް ޤާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން، މި އިމާރާތުގައި ސްޓާފުންނަށް ޑޭކެއަރ ސެންޓަރެއް، ޕާކް ކުރާނެ ޖާގަ، ލައިބްރަރީއެއް، އަދި ތަމްރީނުތަކާއި އިވެންޓުތައް ބޭއްވުމަށް ޖާގަ ތަނަވަސް ކޮންފަރެންސް ހޯލެއްވެސް ހިމެނޭނެއެވެ.

