ސްޕެއިންގެ ބާސެލޯނާގައި މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގެ އަންހެނުންގެ ޓީމް އިވެންޓްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުން ވެސް ދިވެހިރާއްޖޭގެ ޓީމް މޮޅުވެ، މުބާރާތް ފެށީ ވަރަށް ކާމިޔާބުކަމާއެކުއެވެ. ރާއްޖޭގެ ޓީމުން ވަނީ ފުރަތަމަ މެޗުގައި މެލޭޝިއާ އަތުންނާއި ދެވަނަ މެޗުގައި ސިންގަޕޫރު އަތުން ސީދާ ތިން ގޭމުން މޮޅުވެފައެވެ.
މެލޭޝިއާ އަތުން ސީދާ ތިން ގޭމުން ކުރި
އަންހެނުންގެ ޓީމް އިވެންޓުގެ ގްރޫޕް ބީ ގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިއާ އަތުން މޮޅުވީ 3-0 އިންނެވެ. ޑަބަލްސް މެޗުގައި ވާދަކުރި އައިޝަތު ފައިނާޒް އާއި ފާތިމަތު ރަޔާނާގެ ޕެއާ ވަނީ މެލޭޝިއާގެ މަސްނޫރާ ބަލިކޮށްފައެވެ. މި މެޗުގެ ދެ ސެޓުން ވެސް ރާއްޖޭގެ ޕެއާ މޮޅުވީ 25-0 އިންނެވެ. ސިންގަލްސް މެޗުތަކަށް ބަލާއިރު، އައިޝަތު ނަހުފާ ވަނީ މެލޭޝިއާގެ ނޯރް އައިނީ ބަލިކޮށްފައެވެ. ނަހުފާ މޮޅުވީ 25-5، 25-17 އިންނެވެ. އަދި އައިމިނަތު ވިދާދް ވެސް ވަނީ މެލޭޝިއާގެ ސުޒާނާ ބަލިކޮށް، ސެޓުތައް 25-0، 25-5 އިން ކާމިޔާބުކޮށްފައެވެ.
ސިންގަޕޫރު މެޗުން ވެސް ކާމިޔާބީ
ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި ސިންގަޕޫރު އަތުން ވެސް މޮޅުވީ ސީދާ ތިން ގޭމުންނެވެ. ޑަބަލްސް މެޗުގައި ވާދަކުރި ފައިނާޒް އާއި ނަހުފާގެ ޕެއާ ވަނީ ސިންގަޕޫރުގެ ސްރިވިދްޔާ އާއި ކަނަކަވާލީގެ ޕެއާ 25-1، 25-4 އިން ބަލިކޮށްފައެވެ. ސިންގަލްސް ފުރަތަމަ މެޗުގައި ވިދާދް ވަނީ ސިންގަޕޫރުގެ ކަލްޕަނާ ބަލިކޮށް 25-6، 25-4 އިން މޮޅުވެފައެވެ.
ސިންގަލްސް ދެވަނަ މެޗުގައި ރަޔާނާ ވަނީ ސިންގަޕޫރުގެ ސިރީޝާ އަތުން 2-1 ސެޓުން މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު ރަޔާނާ 24-13 އިން ގެންދިޔަ ނަމަވެސް، ދެވަނަ ސެޓު 22-18 އިން ސިރީޝާ ކާމިޔާބުކުރިއެވެ. ނަމަވެސް، ފަހު ސެޓުގައި ރަޔާނާ ވަނީ 24-13 އިން ކުރި ހޯދައި މެޗު ނިންމާލާފައެވެ. އަންހެނުންގެ ޓީމް އިވެންޓްގައި ރާއްޖެ ހިމެނޭ ގްރޫޕް ބީ ގައި ދެން ވާދަކުރާނީ ސްރީ ލަންކާ އާއި އެވެ.
ވޯލްޑް ކަޕްގެ ބެކްގްރައުންޑް
މިއީ އައިސީއީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މި މުބާރާތުގައި މުޅި ދުނިޔޭގެ 17 އަށް ވުރެ ގިނަ ޤައުމުން 150 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ 2014 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓްގައެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ވެސް ވަނީ ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ.

