ރައްޔިތުންނާއެކު ބާއްވާ ކޮންމެ ބައްދަލުވުމެއްގައިވެސް ރައްޔިތުން ހިއްސާކުރައްވާ މައްސަލަތައް ވަރަށް ގާތުން ބައްލަވަމުންދާކަމަށާއި، އަދި އެކަންކަމާއި ގުޅޭގޮތުން އެޅެން އޮތް ފިޔަވަޅެއް އަޅުއްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮންމެ ރައްޔިތަކަށްވެސް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
މާފަންނަކީ މާލޭގެ އެންމެ ބޮޑު އެއް އާބާދީއެއް އޮންނަ ސަރަހައްދުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަކީ އެންމެ ގިނަ މައްސަލަތައް ތަހައްމަލުކުރަމުންދާ ރައްޔިތުންކަމަށެވެ. އެހެންކަމުން އެ މައްސަލަތަކަށް ހައްލެއް ގެނެސްދިނުމަށް މަސައްކަތް ކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ، "ތިބޭފުޅުން ވިދާޅުވާ ކޮންމެކަމެއްވެސް އަޅުގަނޑުމެން ވަރަށް ސީރިއެސްކަމާއެކީގަ އެއަށް ވަރަށް އިގާދީގޮތެއްގައި މައްސަލަ ހައްލުކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނަން. އެއީ ކަންބޮޑުވުމެއް ކަމުގައިވިޔަސް، ހިޔާލެއްކަމުގައިވިޔަސް ނުވަތަ ޝަކުވާއެއްކަމުގައިވިޔަސް އަޅުގަނޑުމެން ތިބޭފުޅުންނަށް އެކަމުގެ ހައްލެއް ހޯދައިދޭން މަސައްކަތްކޮށްދެއްވާނަން."
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މިހާތަނަށް ބޭއްވި ކޮންމެ ބައްދަލުވުމެއްގައިވެސް ރައްޔިތުން ހިއްސާކުރައްވާ މައްސަލަތައް ވަރަށް ގާތުން ބައްލަވަމުންދާކަމަށެވެ. އަދި މީގެ ތެރެއިން ބައެއް މައްސަލަތައް މިހާރުވެސް ހައްލުކޮށްދެއްވާފައިވާނެ ކަމަށާއި، ކުރިއަށްއޮތްތާގަވެސް ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތްކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރައްޔިތުން ދޭ ސިޓީތަކަށް ވަރަށް ބޮޑަށް އެޓެންޑުކޮށް އެ މައްސަލަތައް ހައްލުކޮށްދިނުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ. މީގެ ތެރޭގައި އަމިއްލަ ކަންކަމާއި މުޅި މުޖުތަމައާ ގުޅޭ ކަންތައްތައްވެސް ހިމެނޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެކުރިން މާލޭގައި ބޭއްވި ދެ ބައްދަލުވުމުގައިވެސް ރައްޔިތުން ހިއްސާކުރެއްވި ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވައުދުގެ ދަށުން އެމަނިކުފާނު މިހާރު ގެންދަވަނީ މާލޭގެ އަވަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވަމުންނެވެ. މިގޮތުން މާފަންނުގެ ކުރިން ވަނީ ވިލިމާލެ އަދި މައްޗަންގޮޅި ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

