މަސްތުވާ ތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ ޚާއްޞަ އޮޕަރޭޝަން “އޮޕަރޭޝަން އަލިމަގު” ގެ ދަށުން، އައްޑޫ ސިޓީގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ނެޓްވޯކެއްގައި ހިމެނޭ އިސް ފަރާތްތަކެއް ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މިޑިސެންބަރު މަހުގެ 3 ވަނަ ދުވަހުގެރޭގައެވެ.
މި ނެޓްވޯކްގެ އިސް ފަރާތްތަކަށް އަމާޒުކޮށް ހިންގި މި އޮޕަރޭޝަނުގައި ޖުމްލަ ފަސް މީހުން ވަނީ ހައްޔަރު ކޮށްފައެވެ. އެއީ
- ސ. ހިތަދޫ / ކޮންމުލި، ޢަލީ ނަދީމް (30އ)
- ސ. ހިތަދޫ / ފަލާޙް، ހާފިޡު ފައުޒީ (31އ)
- ސ. ހިތަދޫ / ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ)
- ސ. ހިތަދޫ / ދޮރުފޮތިމާގެ، ޙަސަން ޢަލްފާފް (28އ)
- ސ. ހިތަދޫ / ކެކުރިމާގެ، އަމީން މުޙައްމަދު (23އ) އެވެ.
މި ހުރިހާ ފަރާތްތަކަކީވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނެޓްވޯކްގައި އިސް ދައުރެއް އަދާކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންނެވެ.
ފުލުހުން މި ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ތަހުގީގެއް ފަށާފައިވަނީ މި އަހަރުގެ މާރޗް މަހުން ފެށިގެންނެވެ. ތަހުގީގަށް އެނގިފައިވާ ގޮތުގައި މި ނެޓްވޯކް ވަނީ 2017 ވަނަ އަހަރުން ފެށިގެން ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ގޮސްފައެވެ.
މި ނެޓްވޯކްގެ މާލީ ހަރަކާތްތަކަށް ބަލާއިރު، ފާއިތުވި 5 އަހަރުގެ ތެރޭގައި މި ނެޓްވޯކްގެ އިސް 4 މީހެއްގެ އެކައުންޓްތަކުގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ. މިއީ މަނީ ލޯންޑަރީގެ ބޮޑެތި މައްސަލަތަކެއް ކަމަށް ފުލުހުން ބެލެއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކުރި ފަރާތްތައް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ނަދީމް އާއި ހާފިޡު ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތަށް ބަންދު ކޮށްފައިވެއެވެ. އަދި ޙަސަން އަލްފާފް އާއި އަމީން މުޙައްމަދަށް 5 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވެއެވެ.
މި ނެޓްވޯކްގެ މައްސަލަ ފުލުހުންގެ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާ ދެކޮޅު ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

