ސަލްޓަން ޕާކާއި އިސްލާމީ މަރުކަޒު ކުރިމަތީ އޮންނަ މެދުޒިޔާރަތް މަގު އާއްމު ދަތުރުފަތުރަށް ހުޅުވާލުމަކީ ގިނަ ރައްޔިތުން ބޭނުންވާނެ ކަމެއް ނޫން ކަމަށާއި، އަދި އެއީ ޒިންމާދާރު ގޮތެއްވެސް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވައި، އެމީހުންގެ އަޑުއައްސަވައި ޖަވާބު ދެއްވަމުންނެވެ.
މި މަގު ހުޅުވާލުމުގެ ހުށަހެޅުން މާލެ ސިޓީ ކައުންސިލަށް ހުށަހެޅުއްވީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއެވެ. އޭނާ މިކަން ހުށަހެޅުއްވީ އޮގަސްޓް 13 ވަނަ ދުވަހު އޮތް ކައުންސިލް ބައްދަލުވުމުގައި، ގިނަ ސުކޫލުތަކާއި ސަލްޓަންޕާކު ހުންނަ ސަރަހައްދުގެ ޓްރެފިކަށް ލުޔެއް ހޯދުމުގެ މަޤްސަދުގައެވެ. މޭޔަރު ވިދާޅުވީ، އިސްލާމީ މަރުކަޒާއި ސަލްޓަންޕާކާ ދެމެދު އޮތް މަގު ވެހިކަލްތަކަށް ހުޅުވާލުމުން، ޗާންދަނީ މަގަށާއި ލިލީ މަގަށާއި އަމީރު އަހުމަދު މަގަށް ވެސް ޓްރެފިކްގެ ލުއިތަކެއް އަންނާނެ ކަމަށެވެ. މާލެ ސިޓީ ކައުންސިލުން ވަނީ، މި ސަރަހައްދަކީ މާލޭގެ އެންމެ ކާރުބާރު ބޮޑު ސަރަހައްދު ކަމުން، މަގު ހުޅުވާލުމަކީ ޓްރެފިކް ތޮއްޖެހުމުގެ ދަތިތަކަށް ބޮޑު ހައްލެއް ގެނެސްދޭނެ ކަމެއް ކަމަށް އާއްމުން ދެކޭ ކަމަށް ވެސް ބުނެފައެވެ.
ނަމަވެސް ރައީސް މުއިއްޒު ވިދާޅުވީ ސަލްޓަން ޕާކް ކުރިމަތީގައި އޮންނަ މައިދާނަކީ ވަރަށް ހިތްފަސޭހަ ތަނެއް ކަމަށާއި، ބަންދު ދުވަސްތަކުގައި އާއިލާތަކުން ކުޑަކުދިން ގޮވައިގެން ގޮސް އެތަނުގައި ތިބޭ ކަމަށެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، ސަލްޓަން ޕާކާއި އިސްލާމީ މަރުކަޒާއި މުޅި ސަރަހައްދު އެކީގައި، ކުޑަކުދިންނަށް ދޫކޮށްލައިގެން ތިބެވޭ ވަރަށް ވަރަށް ސޭފް ޒޯނެކެވެ. “އެ މަގު ހުޅުވާލާ ވާހަކަ އެއީ އަޅުގަނޑު ހިތުން ގިނަ ރައްޔިތުން ބޭނުންވާނެ ކަމެއް ނޫން، ޒިންމާދާރު ކަމެއްވެސް ނޫން،” ރައީސް ވިދާޅުވިއެވެ. މާލެއަކީ ތޮއްޖެހިފައި އޮތް ތަނެއް ކަމަށާއި، މިހާރު މާލޭގައި ޕާކުތައްވެސް މަދުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ކުރިން މާލޭގައި 11 ވަރަކަށް ޕާކު ހެދި ނަމަވެސް، ފާއިތުވި ފަސް އަހަރު ތެރޭގައި މާލޭގައި ޕާކެއް ނަހަދާ ކަމަށެވެ. މި ސަރުކާރުން މަސައްކަތް ކުރަނީ ޕާކުތައް އިތުރު ކުރަން ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން، ވީރާނާވެފައިވާ ސަލްޓަން ޕާކު މަރާމާތުކޮށް، އިތުރު ކުޅޭ އެއްޗެހި ލައި، އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޖުމްހޫރީ މައިދާން ތަރައްގީ ކުރުމުގެ މަސައްކަތާއި، ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މެދުޒިޔާރަތް މަގުގައި އިސްލާމީ މަރުކަޒު ކުރިމަތީ އޮތް ސަރަހައްދު ދުއްވާ އެއްޗެއްސަށް ބަންދު ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެއިރު އެތަނުގައި ވަނީ ޓައިލްސް ވެސް އަޅާފައެވެ. ރައީސް މުއިއްޒުގެ މި ވާހަކަތަކުން ދޭހަވަނީ، ސިޓީ ކައުންސިލުން ހުށަހެޅި މަގު ހުޅުވާލުމުގެ މަސައްކަތަށް ސަރުކާރުގެ ފަރާތުން އެއްބާރުލުން ނުލިބޭނެ ކަމަށާއި، ޕާކުތަކާއި ހިތްފަސޭހަ ތަންތަން ރައްކާތެރިކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށެވެ.

