ދިވެހިރާއްޖެއިން ސްރީލަންކާއަށް ހަދިޔާކުރާ، 25،000 މަސްދަޅު ކޭސް ހިފައިގެންދިޔަ ބޯޓު މިއަދު ހެނދުނު ލަންކާގެ ބަނދަރަކަށް ބަނދަރުކޮށްފިއެވެ. މި އެހީގެ ދަތުރު ކުރިއަށް ގެންގޮސްފައިވަނީ ދިތުވާ ތޫފާނާ ގުޅިގެން ލަންކާއަށް ކުރިމަތިވި ކާރިސާގައި އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ.
ދިވެހި ސަރުކާރުން ވަނީ ލަންކާއަށް އެހީތެރިވުމުގެ ގޮތުން 50،000 ޑޮލަރާއި 25،000 މަސް ދަޅު ކޭސް ހަދިޔާކުރައްވާފައެވެ. މި މަސްދަޅު ކޭސްތައް ލަންކާއަށް ފޮނުވާފައިވަނީ ރާއްޖޭގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ގަލެނާ ކާގޯ ބޯޓުގައި، 14 ކޮންޓެއިނަރުގައެވެ. އެމްއެސްއެސްއިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ބޯޓު ރޭގެ ވަގުތެއްގައި ލަންކާއަށް ގޮސްފައިވާ ކަމަށާއި މިއަދު ހެނދުނު ވަނީ ރަސްމީކޮށް ބަނދަރުކޮށްފައެވެ.
މި ހަދިޔާކުރި މަސްދަޅު ކޭސްތައް، މިއަދު ރަސްމީކޮށް ލަންކާ ސަރުކާރާ ހަވާލުކުރާނީ ދިވެހި އެމްބަސީގެ ފަރާތުންނެވެ. ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި މި އެހީތެރިކަމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި ލަންކާގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ރަމްޒުކޮށްދޭ ކަމެކެވެ.
މީގެ އިތުރުން ދިވެހި ސަރުކާރުން އެހީގެ ގޮތުގައި ދެއްވި 50،000 ޑޮލަރުގެ ފައިސާވެސް ވަނީ މިހާރު ލަންކާ ސަރުކާރާ ހަވާލުކުރައްވާފައެވެ. އަދި މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯންގައި، އެކިއެކި މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން ލަންކާއަށް އެހީވުމަށް 800،000 ޑޮލަރު ވަނީ ހަދިޔާކޮށްފައެވެ. މި ފައިސާވެސް މިހާރު ވަނީ، ޚާރިޖީ ވުޒާރާއާއި ހަވާލުކޮށްފައެވެ.
ދިތުވާ ތޫފާނުގެ ސަބަބުން ސްރީލަންކާއިން 479 މީހުން މަރުވެ 350 މީހުން ވަނީ ގެއްލިފައެވެ. އަދި މި ތޫފާނުގެ އަސަރު 1.2 މިލިޔަން މީހުންނަށް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ދިވެހިރާއްޖެއިން މި ފޯރުކޮށްދޭ އެހީތެރިކަމަކީ ލަންކާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ކުޑަކުރުމަށް ލިބިގެންދާނެ ބޮޑު އެހީއެކެވެ.

