ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އައު ޓަރމިނަލް 1 އިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އިއްތިހާދު އެއަރވޭސްއަށް ޚިދުމަތް ދޭން ފަށައިފިއެވެ. އިއްތިހާދަކީ މި އައު ޓަރމިނަލުން ޚިދުމަތް ދޭން ފެށި 29 ވަނަ އެއަރލައިނެވެ.
އިއްތިހާދަށް ޓަރމިނަލް 1 އިން ޚިދުމަތް ދޭން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މި ރަސްމިއްޔާތުގައި އިއްތިހާދު އެއަރވޭސްގެ އޭރިއާ މެނޭޖަރ ސެންޓްރަލް، ރެހާން މުޙައްމަދު ފާއިޒުއާއި، އެއަރޕޯޓު މެނޭޖަރ މުނާޒް ޢަލީގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި އިއްތިހާދު އެއަރވޭސްގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވާފައިވާއިރު، އެ އެއަރލައިނުން ފުރި 305 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓަރމިނަލަށް ކައިރިކުރި އިއްތިހާދު އެއަރވޭސްގެ ފުރަތަމަ ފްލައިޓުން އައި 180 ފަސިންޖަރުންނަށް ސަޤާފީ ހަރަކާތްތަކާއެކު ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގައި ޤާއިމްވެފައިވާ އިއްތިހާދު އެއަރވޭސްއަކީ އެ ޤައުމުގެ ޤައުމީ އެއް އެއަރލައިނެވެ. އަދި މިއީ އެ ޤައުމުގެ ދެވަނައަށް އެންމެ ބޮޑު އެއަރލައިނެވެ. މި އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2011 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މީގެ އިތުރުން، އިއްތިހާދަކީ މި ޓަރމިނަލުން ޚިދުމަތް ދޭން ފެށި ޔޫއޭއީގެ ތިންވަނަ އެއަރލައިނެވެ.
އިއްތިހާދު އެއަރވޭސްއާއެކު ޓަރމިނަލް 1އިން ޚިދުމަތް ދޭން ފެށި އެއަރލައިންތަކުގެ ޖުމްލަ އަދަދު 29 އަށް އަރާފައިވާއިރު، އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއަރލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފެންވަރުގެ ޚިދުމަތް ދިނުމެވެ.

