ގދ. ގައްދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ގައްދޫގައި ބާއްވައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތް، އޮނަރަބަލް ޢަބްދުالله ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތަކީ ގައްދޫގެ ރައްޔިތުންނަށް ސިއްޙީ ދާއިރާއިން ލިބޭ ޚިދުމަތްތައް ފުޅާވެގެންދާނެ މުހިއްމު ފިޔަވަޅެކެވެ.
މި ރަސްމިއްޔާތުގައި ގައްދޫ ދާއިރާގެ ޢިއްޒަތްތެރި މަޖްލިސް މެންބަރު މުޙައްމަދު ޢަލީ އާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، އަލްފާޟިލް މުޙައްމަދު ޖަމްޝީދު، ގައްދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢު ހިންގާނީ އެމްޓީސީސީންނެވެ.
މި މަޝްރޫޢުގެ ދަށުން 18,613 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އިމާރާތެއްގައި 30 އެނދުގެ ސިއްޙީ ޚިދުމަތްދޭ ބްލޮކެއް ހަދާނެއެވެ. މީގެ އިތުރުން 2563 އަކަފޫޓުގެ ސަރަހައްދެއްގައި އެއް ފަންގިފިލާގެ އެހެނިހެން ޙިދުމަތްދޭ ބްލޮކަކާއި، 3573 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހަދާނެއެވެ. މިއީ 101.70 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް 600 ދުވަސްތެރޭ ނިންމުމަށް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
2700 މީހުންގެ އާބާދީއެއް އޮންނަ ގައްދޫގައި މިހާރު ހުންނަނީ ސިއްޙީ މަރުކަޒެކެވެ. ގައްދޫ ހޮސްޕިޓަލްގެ އައު އިމާރާތް ނިމުމާއެކު، ގައްދޫއިން ލިބޭ ސިއްޙީ ފަރުވާ ފުޅާވެ، ގައްދޫ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ވަރަށް ގިނަ ބަލިތަކަށް ބޭސްކުރުމުގެ މަގު ފަހިވެގެންދާނެއެވެ. މިއީ ރަށު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމެއްކަން ކަށަވަރެވެ.
އެމްޓީސީސީން ވަނީ ވޭތުވެދިޔަ 44 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

