އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މީޑިއާ މައުރަޒު 2025 ރަސްމީކޮށް ފަށައިފިއެވެ. މި މައުރަޒު ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. މި މައުރަޒަކީ ވުޒާރާއިން ހާސިލްކުރެވުނު ކާމިޔާބީތަކާއި، ކުރެވުނު މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު މީޑިއާތަކާއި އާއްމުންނަށް ފޯރުކޮށްދިނުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ. މިއީ މިފަދަ 2 ވަނަ މައުރަޒެވެ.
މި މައުރަޒު އިންތިޒާމުކޮށްފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން ވުޒާރާގެ ހުރިހާ ސެކްޝަންތަކަކާއި ގުޅިގެންނެވެ. މައުރަޒުގެ ބޭނުމަކީ ވުޒާރާގެ ވަކިވަކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތައް އާއްމުންނަށް ހާމަކޮށްދިނުމެވެ. މި މައުރަޒުގައި ވުޒާރާގެ 9 ސެކްޝަންއަކުން ފާއިތުވި 2 އަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތައް ވަނީ ދައްކާލާފައެވެ.
މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ވުޒާރާއިން ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކޮށްފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ، ކުރާ މަސައްކަތްތަކަކީ މުޖްތަމައުއަށް ފެންނަންޖެހޭނެ ފޯރަންޖެހޭނެ ކަންތައްތަކެއްކަމަށާއި މީޑިއާ މައުރަޒުގެ ބޭނުމަކީ އެއީކަމަށެވެ. “މިނިސްޓްރީގެ މަސައްކަތްތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަކީ ހަޤީގަތުގައިވެސް ވަރަށް މުހިންމު ކަމެއް.”
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން މި ވުޒާރާއިން ދިވެހިރާއްޖޭގެ އިސްލާމީ ހިދާޔަތާއި އިސްލާމީ ނޫރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށެވެ.
މި މައުރަޒު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މައުރަޒު ހުޅުވާފައި ހުންނާނީ ހުކުރު ދުވަހުގެ ހަވީރު 4 އިން ހަވީރު 6 އަކަށް އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10 އަކުން ހަވީރު 6 އަކަށެވެ. މައުރަޒުގެ ތެރެއިން ޒުވާން ޚަތީބުންގެ 5 ވަނަ ބުރަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. 5 ވަނަ ބުރު އޮންނާނީ އަންނަ އަހަރުއެވެ. އަދި ޝެއިޚުންނާއި ވަގުތުން ސުވާލުކުރުމުގެ ފުރުޞަތުވެސް މައުރަޒަށް ވަޑައިގަންނަވާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. 2024 ވަނަ އަހަރު ބޭއްވި މީޑިއާ މައުރަޒަށްވެސް ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުން ޒިޔާރަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

