ތޫފާނެއްގެ ސަބަބުން ސްރީލަންކާއަށް ދިމާވެފައިވާ ދަތި އުނދަގޫ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން އެޤައުމަށް ވެދިން އެހީތެރިކަން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުން އެއްވުމެއް ބާއްވައިފިއެވެ. މި އެއްވުން ބާއްވާފައިވަނީ މާލޭގައި ހުންނަ ސިޓީ ކައުންސިލްގެ ޢާއްމު ޚިދުމަތްތަކާ ބެހޭ ބައިގެ ކުރިމަތީގައި، ބޮޑުތަކުރުފާނު މަގުގައެވެ. މި ހަރަކާތުގައި ބައިވެރިވި ގިނަ އަދަދެއްގެ ލަންކާ ރައްޔިތުން ތިބީ، ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރުމުގެ ޕޯސްޓަރުތައް ހިފައިގެންނެވެ. މިއަދު ހަވީރު 5:00 ޖެހިއިރު ފެށި މި އެއްވުން ކުރިއަށް ގެންގޮސްފައިވަނީ ހަމަހިމޭންކަމާއެކުއެވެ.
މިފަހުން ސްރީލަންކާއަށް ދިމާވެގެން އުޅޭ ކާރިސީ ހާދިސާގައި އެޤައުމަށް އެހީތެރިވުމަށް އެންމެ ފުރަތަމަ އަތުކުރި އޮޅާލި އެއް ޤައުމަކީ އަވަށްޓެރި ދިވެހިރާއްޖެކަން ލަންކާގެ ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ. އެއްވުމުގައި ބައިވެރިވި ބައެއް މީހުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަމުން ބުނީ، ދިވެހިން ދިން އެހީތެރިކަމުގެ ހަނދާން ދުވަހަކުވެސް ނުނެތޭނެ ކަމަށާއި، ދިވެހިންގެ އެހީތެރިކަން ޚާލިސް ޝުކުރުގެ ހިތަކުން ބަލައިގަންނަ ކަމަށެވެ. އަދި ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، ދިވެހިން ދިން އެހީތެރިކަން ބޮޑުކަން ލަންކާގެ ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.
ބާރުގަދަ ތޫފަނަކާ ގުޅިގެން ސްރީލަންކާގެ އެތައް ބަޔަކު މަރުވެ، ހިތާމަވެރި އެތައް ހާދިސާއެއް ވަނީ ހިނގާފައެވެ. މަރުވި މީހުންގެ އަދަދު 355އަށް އަރާފައިވާއިރު، ގެއްލުނު މީހުންގެ އަދަދު 366އަށް އަރައެވެ. އަދި ތޫފާނުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް، ކިސަޑު ފޭބުމުގެ ސަބަބުން 200،000 މީހުން ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކުރަން ޖެހިފައެވެ.
ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ޙަސަން ވަނީ މި އެއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ. މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ، ލަންކާއަށް ދިމާވެފައިވާ ހިތްދަތި ދަނޑިވަޅުގައި ރާއްޖެއިން ދިން އެހީތެރިކަން ތާރީޚުގައި ރަން އަކުރުން ލިޔެވޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، ދިވެހި ސަރުކާރަށާއި، އަމިއްލަ ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައިވެއެވެ. “ލަންކާއާއި ރާއްޖެއާ ދެމެދު މި އޮތް ގުޅުން އެއްވެސް މީހަކަށް އަދި އެއްވެސް ފަރާތަކަށް ބައިބައި ނުކުރެވޭނެ. މި ގުޅުމަކީ، ދުވަހަކުވެސް ބައިބައިވާނެ ގުޅުމެއް ނޫން. މި ސަރަހައްދުގައި ލަންކާއާ އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމަކީ، ރާއްޖެކަން މި އެހީތެރިކަމުން ދައްކުވައިދީފި.” ސަފީރު ވިދާޅުވިއެވެ.
ސްރީލަންކާއަށް ވެދިން އެހީތެރިކަން ފާހަގަކުރައްވަމުން، ޚާރަޖީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި ޓެލެތޯނާއި، ދިވެހި ސަރުކާރުގެ އިތުރުން އަމިއްލަ ދިވެހި ވިޔަފާރިވެރިން ފޯރުކޮށްދިން އެހީތަކާއެކު ރާއްޖެއިން ލަންކާއަށް ވި އެހީތެރިކަން 2.4 މިލިޔަން ޑޮލަރަށް އަރައެވެ. ޤައުމީ މީޑިޔާ ޕީއެސްއެމް އިސްނަގައިގެން ރާއްޖޭގެ އެހެން މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ ޚާއްސަ ޓީވީ ޓެލެތޯނުގެ ތެރެއިން 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރެވުނެވެ. މީގެ އިތުރުން ދިވެހި ސަރުކާރުންވެސް ވަނީ ލަންކާއަށް 50،000 ޑޮލަރާއި، 25،000 މަސްދަޅު ކޭސް ދީފައެވެ.

