ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ މައްސަލައާ ގުޅިގެން ފުލުހުން އިތުރު ތަފްސީލުތަކެއް ހާމަކޮށްފިއެވެ. މިމީހާގެ ހަށިގަނޑު ތެރެއިން މަސްތުވާތަކެތީގެ ޖުމްލަ 78 ބްލެޓް ނަގާފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ މިހާރުވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނި ގޮތުގައި، 2025 ނޮވެމްބަރު 30 ވަނަ ދުވަހުގެ 12:57 އެހާކަންހާއިރު ހުޅުމާލޭ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވާ ފެނިފައިވަނީ 40 އަހަރުގެ ނޭޕާލް ފިރިހެނެކެވެ. މިމީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެމީހަކާ އެކު ނޮވެމްބަރު 26 ވަނަ ދުވަހުއެވެ. އެމީހުން މާފުށީގައި އުޅުމަށްފަހު ހުޅުމާލޭ ގެސްޓް ހައުސްއަށް ޗެކިން ވެފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހު ހެނދުނުއެވެ. ނަމަވެސް އޭނާއާއެކު ރާއްޖެ އައި ދެމީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާކަން ތަހުގީގަށް އެނގިފައިވެއެވެ.
މަރުވި މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ފެނިފައިނުވާ ކަމަށް ފުލުހުން ހާމަކުރެއެވެ. ހަށިގަނޑުގެ ސީޓީ ސްކޭނެއް ހެދިއިރު، އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަން ފާހަގަކުރެވުނެވެ. މިކަމާ ގުޅިގެން ޤާނޫނީ ގޮތުން ޢަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހޯދުމަށްފަހު، 2025 ޑިސެންބަރު 2 ވަނަ ދުވަހުގެރޭ މަރުވި މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ނަގާފައިވެއެވެ. މި އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ކޮށްފައިނުވަނީ ހަށިގަނޑު ބޮޑަށް ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ. ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ޚާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފާއާއެކުއެވެ.
މި އޮޕަރޭޝަންގައި އޭނާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް ނަގާފައިވާއިރު، މިތަކެތީގެ ބަރުދަނަކީ 818 ގްރާމެވެ. ފުލުހުން މި މައްސަލައިގެ މައުލޫމާތު މިހާތަނަށް ހާމަނުކޮށް ތިބީ، މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވުމާއި، ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، މި މައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށާއި ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދިއުމުގެ ސަބަބުންނެވެ.
ފުލުހުން މިހާރުވެސް މި މަސައްކަތް ކުރަމުންދާ ކަމަށް ބަޔާންކޮށްފައިވެއެވެ.

