އައްޑޫ ސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ “އޮޕަރޭޝަން އަލިމަގު”ގެ ދަށުން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. މި އޮޕަރޭޝަނަކީ އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާއި، އެފަދަ ކުށްކުށުގައި ހިމެނޭ މީހުން ހޯދައި ހައްޔަރުކުރުމަށް ފަށާފައިވާ ބޮޑު އޮޕަރޭޝަނެކެވެ.
ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަންގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުން އައްޑޫ ސިޓީގެ 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން 6 މީހަކު މީގެ ކުރިން ކޯޓަށް ހާޒިރުކުރެވި، އެ މީހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.
އެގޮތުން، މި އޮޕަރޭޝަނާ ގުޅިގެން ހައްޔަރުކުރި އިތުރު މީހަކު މިއަދު ވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި، ސ. ހިތަދޫ / ގުލްކަނދުގެ، ޙަސަން ނަޒީފް (36އ) ކޯޓަށް ހާޒިރުކުރުމުން، އޭނާ 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި އޮޕަރޭޝަން ފެށިފައިވަނީ މި މަހުގެ 3 ވަނަ ދުވަހުގެ ރޭގައެވެ. އޭރު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި 5 މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފައެވެ. ފުލުހުން އަންނަނީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް ތަހުގީގުކޮށް، އައްޑޫ ސިޓީގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިފަދަ އޮޕަރޭޝަންތައް އިތުރަށް ހިންގަމުންނެވެ.

