“މަގޭ ސޯލާ” ޕްރޮގްރާމްގެ ދަށުން މިއަހަރު ތެރޭގައި 783 ކިލޯވޮޓުގެ ސޯލާ ޕީވީ ނިޒާމު މިހާރު ވަނީ ގޭބިސީތަކުގައި ހަރުކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި ޕްރޮގްރާމަކީ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމުތައް ބޭނުންކުރުމުގެ ފުރުސަތު ގޭބިސީތަކަށް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ އާންމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމާއި، ދިވެހިރާއްޖޭގައި ލިބެންހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުން އިތުރުކުރުމެވެ.
މަގޭ ސޯލާ ޕްރޮގްރާމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެންމެ ފުރަތަމަ މި ސިސްޓަމް ހަރުކޮށްފައިވަނީ ހއ. ފިއްލަދޫގައެވެ. މިޕްރޮގްރާމަކީ ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމަށާއި، ތެލުން އުފައްދާ ހަކަތަ ރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މިއީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އަކީ، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މަގޭ ސޯލާ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާތަނަށް 783 ކިލޯވޮޓުގެ ސޯލާ ޕީވީ ނިޒާމު ރާއްޖޭގެ 10 އަތޮޅެއްގެ ގޭބިސީތަކުގައި ވަނީ ހަރުކޮށްފައެވެ. މި ފިޔަވަހީގެ ދަށުން ޖުމްލަ 3 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ގޭބިސީތަކަށް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އަދި މި ޕްރޮގްރާމުގެ ދަށުން 748 ގޭބިސީއެއްގައި ސޯލާ ނިޒާމު ހަރުކުރަން ވަނީ ނިންމާފައެވެ.
މީގެއިތުރުން، ގޭބިސީތަކަށް އަމާޒުކޮށްގެން އިތުރު 1.5 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރު ވަނީ އިޢުލާނުކޮށްފައެވެ. އަދި އިތުރު 7 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށެވެ.
މި ފިޔަވަހީގެ ދަށުން ސޯލާ ޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް ސޯލާ ޕީވީ ނިޒާމުތައް އިންސްޓޯލްމަންޓް އުސޫލުން ގަތުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި މި ނިޒާމުތައް ގާއިމުކުރަނީ ނެޓްމީޓަރިންގެ އުސޫލުގެ ދަށުން ކަމަށް ވެސް ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

