މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ސައްޙަ ނޫން މެސެޖުތަކެއް އާންމުންގެ ފޯނުތަކަށް ފޮނުވައި، ޙައްޖުގެ ދަތުރުގެ ޖާގަ ކަށަވަރުކޮށްދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާތީ، އެފަދަ މެސެޖުތަކާއި ފޯނު ކޯލުތަކަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން މިއަދު ވަނީ އިލްތިމާސްކޮށްފައެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ޙައްޖަށް ދިއުމަށް އިތުރަށް ފައިސާ ދެއްކުމުން ޙައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމަށް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި އާންމުންގެ ފޯނުތަކަށް މެސެޖުތަކެއް ކުރަމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް، ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގުގެ އިތުރަށް އެ ކޯޕަރޭޝަނުން އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށް އެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.
ޙައްޖު ކޯޕަރޭޝަނުން ހާމަކުރެއްވި ގޮތުގައި، އިސްލާމްދީނުގެ މާތް އަޅުކަމާ ގުޅުވައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ މިފަދަ ކަންކަމަކީ އެ ކޯޕަރޭޝަނުން ކަންބޮޑުވެ ހިތާމަކުރާ ކަމެކެވެ. އަދި އެފަދަ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.
މިފަދަ މަކަރާއި ހީލަތުގެ ޢަމަލުތަކުން ރައްކާތެރިވުމަށްޓަކައި، ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ފައިސާ ހޯދުމަށް ފޮނުވާ މެސެޖުތަކާއި، ކުރާ ފޯނު ކޯލުތަކަށް އިޖާބަ ނުދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އާންމުންނަށް ޢިލްތިމާސްކުރައްވާފައެވެ.

