ރާއްޖޭގެ ފިލްމީ ދައިރާގައި އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ފިލްމީ އުފެއްދުންތައް ނެރެމުން، ބެލުންތެރިންގެ މަޤުބުލުކަން ހޯދާފައިވާ ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓެއިންމެންޓުން މިހާރު މާލޭ އޮލިމްޕަސް ސިނަމާގައި އަޅުވަމުންދާ އަސަރުގަދަ ލޯބީގެ ފިލްމު ”އަލްވަދާޢު“ މި ހަފްތާ ބަންދުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި އެޅުވުމަށް ތައްޔާރުވެއްޖެއެވެ.
މިވަގުތު ރާއްޖޭގެ ޒުވާން ބަޠަލުންގެ ތެރެއިން އެންމެ މަޤުބޫލުވަމުން އަންނަ ޝަރަފް ޢަބްދުﷲ އަދި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މަރިޔަމް މަޖުދާ އެކުގައި ފެނިގެންދާ ”އަލްވަދާޢު“ ރާއްޖޭގެ އެކި ހިސާބުތަކުގައި އެޅުވުމުގެ މަސައްކަތް އައިލެންޑް ސިނަމާއިން ކުރަމުން ދާއިރު، މިހަފްތާ ބަންދުގައި އެކަނިވެސް 27 ޝޯ ރާއްޖޭގެ އެކި ހިސާބުތަކުގައި ދައްކާނެ ކަމަށް އައިލެންޑް ސިނަމާ އިން ބުންޏެވެ.
ބެލުންތެރިންގެ ތަރުޙީބު ބޮޑު މިފިލްމަށް ގިނަ ބައެއްގެ ތަޢުރީފް ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވާއިރު، ރާއްޖޭގެ އެކި ރަށްރަށުން މި ފިލްމްގެ ޑިމާންޑް ބޮޑުވެފައިވާ ކަމަށް އައިލެންޑް ސިނަމާއިން ބުންޏެވެ. އެގޮތުން މިހާތަނަށް 50 އަކަށް ރަށުން ޝޯއަޅުވާނެ ތާރީޚްތައް ފައިނަލް ކޮށް ގިނަ ރަށްރަށުގައި ފިލްމްގެ ޓިކެޓް ވިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެފަރާތުން ބުނެއެވެ.
އައިލެންޑް ސިނަމާ އިން އިތުރަށް ބުނެފައިވަނީ، ޑާކްރެއިންގެ މި ފިލްމް ވީހާވެސް ގިނަ ރަށްރަށުގައި އާއި ރިސޯޓް ތަކުގައި އެޅުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، ރިސޯޓް އަދި ރަށްތަކުގައި ފިލްމް ސްކްރީން ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 9111164 އަދި 7779621 އަށް ވައިބަރ އިން މެސެޖް ކުރެއްވުމަށް އެދޭކަމަށެވެ.
ފިލްމު ”އަލްވަދާޢު“ ޝަހުދާ މަހްމޫދު (ޝަހޫ) ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު ކެމެރާކުރާނީ ފިލްމު ޑައިރެކްޝަނުންވެސް ފާހަގަކޮށްލެވޭ އުފެއްދުންތަކެއް ގެނެސްދެމުން އަންނަ ހުނަރުވެރި އެކްޓަރ މުޙައްމަދު ފައިސަލް އެވެ. ފިލްމުގެ ޓެކްނިކަލް މެނޭޖަރަކީ ޒިފާފް އެވެ.
އަސަރުގަދަ ލޯބީގެ ފިލްމު ”އަލްވަދާޢު“ގައި ހަރަކާތްތެރިވާ ތަރިންނަށް ބަލާލާއިރު، ލީޑްގައި ހަރަކާތްތެރިވަނީ ހުނަރުވެރި އެކްޓަރު މަރިޔަމް މަޖުދާ އަދި ޝަރަފް އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި މަޝްހޫރު އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، ޝީލާ ނަޖީބް، ކުރިއަރަމުން އަންނަ އެކްޓްރެސް ޢާއިޝަތު ލައިޝާ ލަޠީފް، މަޒީން، ހާޒިފް ހިމެނެއެވެ.

