ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެމީހުންގެ ޚިޔާލާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން، މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާއެކު ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ. މި ބައްދަލުކުރެއްވުމަކީ ރައްޔިތުންގެ ޝުޢޫރުތަކަށް ސީދާގޮތެއްގައި ސަމާލުކަން ދެއްވުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ މުހިންމު ބައެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، މި ބައްދަލުކުރެއްވުން އޮންނާނީ އާދިއްތަ ދުވަހުގެ ރޭ 20:30 ގައި ކަލާފާނު ސްކޫލްގައި ކަމަށެވެ. އެކަމަނާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ މި ބައްދަލުކުރެއްވުމަށް ހެންވޭރުގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ބާއްވަވާ މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ އަދި ހުރި ކަންބޮޑުވުންތައް ސީދާ އެމަނިކުފާނަށް އަޑުއެއްސެވުމެވެ. މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މިހާރު އެމަނިކުފާނު ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވަމުންނެވެ. މާލެ ސަރަޙައްދުގައި މީގެ ކުރިން ވިލިމާލޭގެ ރައްޔިތުންނާއާއި، މައްޗަންގޮޅި އަދި މާފަންނުގެ ރައްޔިތުންނާއެކުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ.

