މާރާމާރީއެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހަކު ޖަލު ތެރޭގައި ހުއްޓާ ވެއްޓި، އޭނާއަށް ސިއްހީ ފަރުވާ ދޭން ފަށައިފިއެވެ. މި މީހާ މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އުމުރުން 43 އަހަރުގެ މި މީހާއަކީ އައްޑޫ ސިޓީގެ ހިތަދޫ އަވަށަށް ނިސްބަތްވާ މީހެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ޖަހާފައެވެ. ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވަނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތު ގަވާއިދުގެ ފަސް ވަނަ މާއްދާއަށް ރިއާޔަތްކޮށް ކަމަށެވެ.
އައިއޯއާ ހަވާލާދީ ބަންދު އަމުރުގައިވާ ގޮތުން، މި މީހާ ފުލުހުންގެ ކަސްޓޯޑިއަލްގައި ހުއްޓާ ވެއްޓި، އޭނާގެ ހަރަކާތްތައް ދަށްވުމުގެ ސަބަބުން ވަގުތުން ސިއްހީ ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންދެވުނެވެ. އޭނާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާކަން އެނގޭނޭ ލިޔުން ވެސް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ބަންދު އަމުރުގައިވެއެވެ.
ކޯޓުގެ އަމުރުގައި އިތުރަށް ބުނެފައިވަނީ، އޭނާއަށް ހޮސްޕިޓަލުން ދޫކޮށްލުމާއެކު، 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެ ކަމަށެވެ. މާރާމާރީގެ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

