ޠޫފާން "ދިތުވާ"ގެ ސަބަބުން ސްރީލަންކާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް އެކި ޤައުމުތަކުން ފައިސާގެ އެހީގެ ގޮތުގައި ޖުމްލަ 6.59 މިލިޔަން ޑޮލަރު ހަދިޔާކޮށްފައިވާ ކަމަށާއި، މީގެ ތެރެއިން އެންމެ ބޮޑު އެހީއެއް ދީފައިވަނީ ރާއްޖެއިން ކަމަށް އެ ޤައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ. މި އެހީތަކަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ހާމަކޮށްދޭ ކަމެއް ކަމަށް ލަންކާގެ މީޑިއާތަކުން ފާހަގަކުރެއެވެ.
ނޮވެންބަރު 28 ވަނަ ދުވަހު ސްރީލަންކާއަށް އަރާފައިވާ "ދިތުވާ" ތޫފާނާ ގުޅިގެން އެ ޤައުމުގެ ތިންބައިކުޅަ އެއްބައި ސަރަޙައްދަކަށް ފެންބޮޑުވުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 500 އާ ގާތްކުރާއިރު، ލަންކާގެ އާބާދީގެ %10 މީހުންނަށް ތޫފާނުގެ އަސަރުކޮށްފައިވާ ކަމަށް އެ ޤައުމުގެ އިދާރާތަކުން ހާމަކުރެއެވެ. މި ގެއްލުންތަކުން އަރައިގަތުމަށް ބޭރު ޤައުމުތަކާއި، އެޖެންސީތަކުން މިހާތަނަށް 6.5 މިލިޔަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވެއެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި، ލަންކާއަށް އެންމެ ބޮޑު މާލީ އެހީ ދީފައިވާ ޤައުމަކީ ރާއްޖެއެވެ. އެއީ، ޖުމްލަ 2.4 މިލިއަން ޑޮލަރު (37 މިލިއަން ރުފިޔާ) އެވެ. ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރާއި، 25،000 މަސްދަޅު ކޭސް (1.2 މިލިއަން މަސްދަޅު) އެ ޤައުމުގެ ސަރުކާރާ ޙަވާލުކޮށްފައެވެ. މީގެ އިތުރުން ޕީއެސްއެމް އިސްވެ ރާއްޖޭގެ 37 މީޑިއާއަކާއި ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ވެސް ވަނީ ލަންކާ ސަރުކާރާ ޙަވާލުކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ އަމިއްލަ މުއައްސަސާތަކާއި ކުންފުނިތަކުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ތޫފާނާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނާއި، ގެއްލުމާ ކުރިމަތިލާން ޖެހުނު ވިޔަފާރިތަކަށް ލުއިތަކެއް ފޯރުކޮށްދިނުމަށް ސްރީލަންކާގެ މަރުކަޒީ ބޭންކުން ވަނީ، އެ ޤައުމުގައި ޚިދުމަތްދޭ ބޭންކުތަކަށް އިރުޝާދު ދީފައެވެ. މިގޮތުން ލޯނު ދެއްކުމުގައި ލުއި އިންތިޒާމުތަކެއް ހަމަޖައްސައިދީ، ތޫފާނާ ގުޅިގެން ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ބޭނުންވާނެ އިތުރު ލޯނުތައް ހަމަޖައްސައިދިނުމަށް ވަނީ ގޮވައިލާފައެވެ. އަދި މިހާރު ނަގާފައިވާ ލޯނުތަކުގެ އިންޓްރެސްޓް ދެއްކުން ތިނެއް ނުވަތަ ހަ މަސް ދުވަހުގެ މުއްދަތަކަށް ފަސްކޮށްދިނުމަށްވެސް މަރުކަޒީ ބޭންކުން ވަނީ އަންގާފައެވެ.

