ތިނަދޫ ސިޓީއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގިނަ އަދަދެއްގެ ގެތަކަށް ފެން ވަދެ، އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.
ތިނަދޫ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ރެއިން ފެށިގެން ތިނަދޫއަށް ކުރަމުންދާ ވިއްސާރާގައި ގިނަ ގެތަކަށް ފެން ވަދެ ގެއްލުންތަކެއް ވެފައިވާ ކަމަށާއި މިހާރު ފުލުހުންނާއި އެމްއެންޑީއެފާއި އާންމު ރައްޔިތުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް ފެން ބޮޑުވުމާ ގުޅިގެން އާންމު ހާލަތަށް އަދި އައިސްފައި ނުވާ ކަމަށާއި، ލިބުނު ގެއްލުންތައް އެސެސްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ކައުންސިލުން ވަނީފާހަގަކޮށްފައެވެ.
މީގެ އިތުރުން، ރޭ ވެހުނު ވިއްސާރައިގައި ފެނަކަ ތިނަދޫގައި ހުންނަ ޕަވަރހައުސްއަށް މައްސަލައެއް ދިމާނުވާނެ ގޮތަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވިފައިވާ ކަމަށާއި އެގޮތުން، ފެނަކަ ހުންނަ ސަރަހައްދުގައި ޕަމްޕްތައް ޖަހައި، ވާރޭ ވެހެމުން ދިޔަ ގަޑީގައިވެސް ފެން ހިންދުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވީ، ރެއިން ފެށިގެން މިއަދު ހެނދުނު 8:30އާ ހަމައަށް ބޯކޮށް ވާރޭވެހި، ގެތަކަށް ފެން ވަދެ ބައެއް ގެތަކުން ކަރަންޓު ކެނޑުނުކަމަށް ތިނަދޫ ސިޓީން ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު ވާރޭ ހުއްޓާލާފައިވާ ކަމަށާއި، ގެއަކުން މީހުން ބަދަލުކުރަންޖެހޭ ހާލަތެއް ދިމާވެފައިނުވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ. އެމްއެންޑީއެފުން ވެސް ވަނީ ތިނަދޫ ސިޓީގައި ފެން ބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
ތިނަދޫގައި ފެންބޮޑުވި އިރު، މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ވަނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރޭ ފަތިހު 4:30 އިން ހެނދުނު 9:30 އަށް ގއ. އަތޮޅުން ފެށިގެން އައްޑުއަށް ވައިޓް އެލާޓެއް ނެރެފައެވެ. މެޓް އޮފީހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވިއްސާރަކޮށްފައިވަނީ ގދ. އަތޮޅުގެ ރަށްރަށަށެވެ. އެގޮތުން އެންމެ ބޯކޮށް ވިއްސާރަކުރީ ގދ. ކާޑެއްދޫއަށާއި ގދ. ފަރެސްމާތޮޑާއަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު، އުތުރާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، މެދު ރާއްޖެ ތެރޭގެ ބައެއް ރަށްރަށަށް ކެރީގެ އަސަރުކުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. މޫސުމާ ބެހޭ އިދާރާއިން ލަފާކުރައްވާ ގޮތުގައި އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގައި އާދައިގެ ވަރަކަށް ކަނޑުތައް ގަދަވި ނަމަވެސް، ދެކުނުގައި އާދައިގެ ވަރަކަށް މަޑުވާނެއެވެ.


