ދިވެހި ފިލްމު ޕަރީގެ ޕޯސްޓަރ ޑިޒައިން ކުރުމުގެ ޗެލެންޖް އިން އެއްވަނަ އަށް އައި ޕޯސްޓަރަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދީފި އެވެ.
މި ޗެލެންޖުން އެއްވަނަ ހޯދި މުހައްމަދު ނަބީލް ނިޔާޒު (ޓޯއި) އަށް ފައިސާގެ އިނާމް ހަވާލުކޮށްދީފައިވަނީ ޕަރީގެ ޖަގަހައިގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އިނާމް ހަވާލުކޮށްދެއްވީ ޕަރީ ޓީމުގެ ފަރާތުން މިފިލްމުގެ އެއް ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ އަލީ ސީޒަން އެވެ.
ޕަރީގެ ޕޯސްޓަރ ޑިޒައިން ކުރުމުގެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެންމެ މޮޅު ފަސް ޕޯސްޓަރު ހޮވާ، އެއްވަނަ އަށް އައި ޕޯސްޓަރު ހޮވާފައިވަނީ އެންމެ ގިނަ ލައިކްސް ލިބުނު ޕޯސްޓަރަށެވެ. މިފިލްމަކީ ބެލުންތެރިންނާއި ހަމައަށް ގެނެސްދޭ ވަރަށް ވެސް ތަފާތު ފިލްމަކަށް ވާއިރު މިހާރު ވަނީ މިފިލްމުގެ ޓީޒާ ލޯންޗްކޮށްފަ އެވެ. ގިނަ ބަޔަކު މިހާރުވެސް އިންތިޒާރު ކުރަމުންދާ މިފިލްމު ވެގެންދާނީ އަންނަ އަހަރު ސިނަމާއިން ފެންނާނެ އެންމެ މޮޅު ފިލްމަކަށެވެ.
މި ފިލްމަކީ އަހުމަދު އަހުސަން އާއި އަލީ ސީޒަން ޕްރޮޑިއުސްކުރާ ފިލްމެކެވެ. އަދި މިއީ ދިވެހި ސިނަމާ އަށް ތިން އަހަރަށް ފަހު ސީޒަން ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. މިފިލްމުގެ ޓްރެއިލާ ލޯންޗް ކުރުމާއި، ޓިކެޓް ވިއްކުން މި ޑިސެމްބަރު މަހުގެ ތެރޭގައި ފައްޓާއިރު، މި ފިލްމް ވެގެންދާނީ ފަހުގެ ތާރީހުގައި ދިވެހި ސިނަމާ އަށް އެންމެ ތަފާތު ބޮޑު ބިރުވެރި ފިލްމަށް ކަމަށް ލަފާކުރެވެއެވެ.
ފިލްމުގެ ކާސްޓުންނަކީ ފިލްމް ޝައުގުވެރިކޮށްދޭ އަނެއް ސަބަބެވެ. ފިލްމްގެ ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބް، ރިޝްމީ ރަމީޒް، އައިޝަތު ލަމްސާ ލަތީފް، ޖުމައްޔިލް ނިމާލް، މުހައްމަދު ނައުޝާދު އަލީގެ އިތުރުން އަލީ ސީޒަން ފަދަ ދިވެހިންގެ ތަރުހީބު ލިބިފައިވާ ކުޅަދާނަ ފަންނާނުން ހިމެނެއެވެ. މި ކާސްޓާއި އެކު ޕަރީ ފިލްމު ދިވެހިންނާއި ހަމައަށް އަންނާނެ އިރެއްގެ އިންތިޒާރުގައި ސިނަމާ އަށް ލޯބިކުރާ އެތައް ބަޔަކު މިހާރުވެސް ތިއްބެވެ.
ޕަރީގެ ޓީމުން މިފިލްމުގެ ޕްރޮމޯޝަނަށް ގިނަ މަސައްކަތެއް ކުރަމުންދާއިރު، ފާހަގަކޮށްލެވޭ ކަމަކީ ޕްރޮމޯޝަންގެ މަސައްކަތް ކުރުމަށްޓަކައި ތަފާތު ކަމެއް ކޮށްފައިވާ ކަމެވެ. އެގޮތުން ޖަގަހަ – ހައުސް އޮފް ޕަރީގެ ނަމުގައި ޖަގަހަ އެއް ވަނީ ހުޅުވާފަ އެވެ. މިތަން ހުންނަނީ އޭޑީކޭ އުތުރު މަގު ގައި ކަމަށް ޑައިރެކްޓަރު އަލީ ސީޒަން ވިދާޅުވި އެވެ.
ސީޒަން ވިދާޅުވި ގޮތުގައި މިފަދަ ގޮތަކަށް ޖަގަހައެއް ހުޅުވީ ގިނަ އަދަދެއްގެ ފިލްމީ ތަރިންގެ ބައިވެރިވުމާއި އެކު އުފައްދާފައިވާ ފިލްމަކަށްވާއިރު، ޕްރޮމޯޝަންގެ މަސައްކަތް ކުރިއަށްދާ ދުވަސްވަރު އެންމެން އެއްތަނަކުން ބައްދަލުވެ، މަސައްކަތް ފަސޭހަ ކަމާއި އެކު ކުރެވޭނެ ގޮތެއް ހޯދައިދިނުމުގެ ގޮތުންނެވެ. އަދި މިފިލްމުގެ ޕްރޮމޯޝަނަލް މެޓީއަރިއަލްތައް ވެސް މި ޖަގަހައިން ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

