ދުނިޔޭގެ އެންމެ މަގްބޫލް މަންޒިލް (World’s Most Preferred Destination) ގެ އެވޯޑް ރާއްޖެއިން އަނެއްކާވެސް ކާމިޔާބުކޮށްފިއެވެ. މިއީ މި ޝަރަފުވެރި އެވޯޑް ޖެހިޖެހިގެން ރާއްޖެއިން ހާސިލްކުރި ހަ ވަނަ ފަހަރެވެ. މި އެވޯޑް ރާއްޖެއަށް ލިބިފައިވަނީ އިއްޔެ ބަހްރޭންގައި ބޭއްވި 32 ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސް (WTA) ހަފްލާގައެވެ. ދުނިޔޭގެ ގިނަ މަންޒިލުތަކަކާ ވާދަކޮށް މި އެވޯޑް ރާއްޖެއަށް ލިބުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު އިތުރު ބޮޑު ކާމިޔާބީއެކެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގެ މި ހަފްލާގައި ރާއްޖެއަށް ވަނީ އެންމެ މަގްބޫލް މަންޒިލްގެ އެވޯޑުގެ އިތުރުން ފަސް ކެޓަގަރީއަކުން ވެސް އެވޯޑް ލިބިފައެވެ. އެގޮތުން ލިބުނު އެވޯޑުތަކުގެ ތެރޭގައި ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑް ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ފަސް ތަނަކަށް ވަނީ އެކި ކެޓަގަރީތަކުން އެވޯޑް ލިބިފައެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ލިބުނު އެވޯޑުތައް:
- ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑް
- ވޯލްޑް ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓް – ވައްކަރު މޯލްޑިވްސް
- ވޯލްޑް ލީޑިން އެއާޕޯޓް ރިސޯޓް އެވޯޑް – ހުޅުލެ އައިލެންޑް ހޮޓެލް
- ވޯލްޑް ލީޑިން ލަގްޒަރީ ޕްރައިވެޓް އައިލެންޑް ރިސޯޓް – ވޯލްޑޯފް އެސްޓޯރިއާ، އިތާފުށި
- ވޯލްޑް ލީޑިން ވޯޓާ ވިލާ ރިސޯޓް – އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ހަފްލާތަކުގައި އަބަދުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ އެވޯޑުތައް ލިބެމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ. މި ކާމިޔާބީތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފެންވަރު ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ހިފެހެއްޓިފައިވާކަން ހާމަކޮށްދޭ ކަމެކެވެ.
ޓޫރިޒަމް މިނިސްޓްރީން ޑިސެމްބަރު 3 ވަނަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އަހަރު މިހާތަނަށް ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެގޮތުން ޖުމްލަ 2.04 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިންގެ އަދަދެވެ.
މި އަހަރު ނިމެން އަދި 24 ދުވަސް ބާކީ އޮތްއިރު، މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ދުވަސްވަރެވެ. އެހެންކަމުން، މިހާރު ލިބެމުންދާ ކާމިޔާބީތަކާއި ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ ގޮތަށް ބަލާއިރު، ސަރުކާރުގެ އަމާޒަށް ވާސިލްވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ލަފާކުރެވެއެވެ.

