މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ނަމުގައި އެކި މީހުންނާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000އަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. މާލޭހިޔާ 1-16-03 / މާލެ، އަޙްމަދު ޙައްސާން (33އ) ކަމަށެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް މިދިޔަ އާދިއްތަ ދުވަހު ހުށަހެޅި މި މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އަޙްމަދު ޙައްސާން ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، ހައްޔަރުކުރި މީހާ ވަނީ އެކި ފަހަރު މަތިން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ޖުމްލަ 150،300 ރުފިޔާ ހޯދައި، އެ ފައިސާގެ ތެރެއިން 75،000 ރުފިޔާ ނަގައިފައެވެ.
އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތަށް ވަނީ ޖަހައިފައެވެ. މި މައްސަލަ ފުލުހުންގެ ފަރާތުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ސްކޭމްގެ މައްސަލަތައް އިތުރުވުން:
ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ސްކޭމް ކުރުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ވެސް ސްކޭމްގެ 164 މައްސަލަ ވަނީ ހުށަހަޅައިފައެވެ. އެ މައްސަލަތަކުގައި ޖުމްލަ 1.52 މިލިއަން ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެއިން 387،971 ރުފިޔާ ވަނީ ހޯދައިފައެވެ. ފުލުހުންގެ ފަރާތުން އާންމުންނަށް އިލްތިމާސްކުރަމުން ދަނީ މިފަދަ މަކަރާއި ހީލަތްތަކުން ސަލާމަތްވުމަށްޓަކައި ސަމާލުކަން ދިނުމަށެވެ.

