ބ. ދަރަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް، މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މި މަޝްރޫއަކީ ދަރަވަންދޫގެ އިގްތިސާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ އަދާހަމަ ހާމަކުރަމުން އެމްޓީސީސީން ބުނީ، މިހާރު ކުރިއަށްދަނީ ބްރޭކް ވޯޓާ ޕްރޮފައިލިންގެ މަސައްކަތާއި ބަނދަރުގެ ޕޭވިންގެ މަސައްކަތް ކަމަށެވެ. މި މަސައްކަތްތައް ހަލުވި ކަމާއެކު ކުރިއަށްދާތީ، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމޭނެ ކަމަށް އެ ކުންފުނިން އުއްމީދު ކުރެއެވެ.
ދަރަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބޮޑެތި މަސައްކަތްތަކެއް ހިމެނެއެވެ. އެގޮތުން، 30,504 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އާ ހާބަ ބޭސިން ފުންކުރުމާއި، 1843 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން، 4126 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ރޭމްޕް އޭރިއާ ފުންކުރުމާއި، 2301 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
ބަނދަރުގެ އުމްރާނީ މަސައްކަތްތަކުގެ ތެރޭގައި 352 މީޓަރުގެ ސަރަަޙައެއްގައި ބޭރުތޮށި (ބްރޭކްވޯޓަރ) ލުމާއި، 83 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 248 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި (ކުއޭ ވޯލް) ލުން ހިމެނެއެވެ. އަދި 24 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
މީގެ އިތުރުން، ބަނދަރުގެ ބޭނުންތަކަށް ޚާއްސަކޮށް 140 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 2104 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ހިމެނެއެވެ. މަސައްކަތް ނިމުމުން ބަނދަރުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށްޓަކައި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
މި މަޝްރޫއަކީ ދިވެހި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއަށް 55.48 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. ދަރަވަންދޫ ބަނދަރު ތަރައްގީވުމުން، ރަށުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

