ދިވެހިރާއްޖޭގެ ފުރަތަމަ 100 މެގަވޮޓްގެ ފްލޯޓިންގ-ސޯލާ މަޝްރޫޢު ކަމަށްވާ “ޕްރޮޖެކްޓް ސޯލާ ސިޓީ” ގެ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ. މިއީ، ރާއްޖޭގެ ފުރަތަމަ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އެސްއީޒެޑް) ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަސައްކަތް ފެށުމާއެކު، ޕްރޮޖެކްޓް ސޯލާ ސިޓީ ރޭވުމުގެ މަރުޙަލާއިން، މަސައްކަތް ހިންގުމުގެ މަރުޙަލާއަށް ރަސްމީކޮށް ބަދަލުވެފައިވާ ކަމަށެވެ.
އަވިން 100 މެގަވޮޓުގެ ކަރަންޓު އުފައްދައި ނޭޝަނަލް ގްރިޑަށް ފޯރުކޮށްދިނުމަށް މާލެ އަތޮޅުގެ ފަޅެއްގައި މި ފްލޯޓިން ސޯލާ ޕްރޮޖެކްޓް ހިންގުމަށް ހަވާލުކޮށްފައިވަނީ، ކެނެޑާގެ އެބްރަކްސަސް ޕަވަ ކޯޕަރޭޝަން ކުންފުންޏާއެވެ. މި ކުންފުންޏަށް މަޝްރޫޢު ހިންގުމުގެ ފުރަތަމަ މަރުހަލާގެ ހުއްދަ އިޤްތިޞާދީ ވުޒާރާއިން ދީފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މި ޕްރޮޖެކްޓުގެ ޓެކްނިކަލް ޕާޓްނަރަކީ، ސަންގްރޯ ޕަވަ ސަޕްލައި ކޯއެވެ.
މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ފެށުމުގެ ގޮތުން، މަޝްރޫޢު ހިންގާ ރަށްތަކުގައި، މަސައްކަތް ފެށުމަށް ތަކެތި ގެނައުމާއި، ގޮނޑުދޮށް ޙިމާޔަތް ކުރުމާއި، ބިން ހިއްކުމުގެ މަސައްކަތް މިހާރު ރަސްމީކޮށް ފެށިފައިވާ ކަމަށް އިޤްތިޞާދީ ވުޒާރާއިން ހާމަކުރެއްވިއެވެ. މި މަސައްކަތްތައް ފެށީ، މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެށުމުގެ ހުއްދަ ލިބުމާ ގުޅިގެންނެވެ. މި ފިޔަވަހީގެ މަސައްކަތްތަކުގެ ސަބަބުން ފްލޯޓިންގ-ސޯލާ ޕްލެޓް ފޯމަށާއި، އެސްއީޒެޑްގެ އެހެނިހެން ބައިތަކަށް ބޭނުންވާ މުހިންމު އޮނިގަނޑުތައް ތައްޔާރު ކުރުމަށް މަގުފަހިވެގެންދާނެއެވެ.
ޕްރޮޖެކްޓް ސޯލާ ސިޓީގެ ދަށުން، ހުޅުމާލެއާ ގާތްގަނޑަކަށް ހަތަރު ކިލޯމީޓަރު ބޭރުގައި، ކަނޑުއަޑިން އެޅޭ ކޭބަލެއް މެދުވެރިކޮށް ޤައުމީ ކަރަންޓު ވިއުގަޔާ ގުޅާލެވޭ ބޮޑު ފްލޯޓިންގ-ސޯލާ ޕްލެޓްފޯމެއް ބަހައްޓާނެއެވެ. މީގެ ތެރޭގައި އަވިން ހަކަތަ އުފައްދާ ނިޒާމު ބެހެއްޓުމާއި، ބެޓެރި ސިސްޓަމް އަދި މި ނިޒާމު ރަށްތަކާ ގުޅާލުމަށް ބޭނުންވާ އިންޓަކަނެޝަން ވިއުގަ ޤާއިމުކުރުން ހިމެނެއެވެ. މި މަޝްރޫޢަކީ ފަތުރުވެރިކަމުގެ ދާއިރާއިން ބޭރުން އިޤްތިޞާދު ތަފާތު ކުރުމަށް އެހީތެރިވެދޭނެ އަދި އެސްއީޒެޑްގެ މައިގަނޑު އިންފްރާސްޓްރަކްޗަރގެ ގޮތުގައި ވެގެންދާނެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކޮށް، އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލްވުމަށް މަގުފަހިވާނެއެވެ. އިޔާދަކުރަނިވި ހަކަތައިގެ ކޮމްޕޯނެންޓަށް ކުރާ 100 މިލިޔަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމަންޓާއެކު، މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓަކީ 187 މިލިޔަން ޑޮލަރެވެ. އިޤްތިޞާދީ ވުޒާރާއިން ލަފާކުރައްވާ ގޮތުގައި މި މަޝްރޫޢުގެ މަސައްކަތް 2027 ވަނަ އަހަރަށް ނިންމާލެވޭނެއެވެ.
ސަރުކާރުގެ އަމާޒަކީ، 2028 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ %33 އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ. މި މަޝްރޫޢު ފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ސަބަބުން ކޮންމެ އަހަރަކު ތެލަށް ކުރާ ޚަރަދުން 42 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.

