ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 30 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ. ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ.
ހުއްޓިފައި އޮތުމަށްފަހު ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގައެވެ. މަސައްކަތުގެ ސްޕީޑް އަވަސް ކުރުމަށްޓަކައި މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެއްފަހަރާ 2 ޑްރެޖަރު ބޭނުންކުރަން ވަނީ ފަށާފައެވެ. އެޗްޑީސީން ވިދާޅުވީ 2 ޑްރެޖަރާއިއެކު ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށާއި، މިހާތަނަށް 30 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބިން ހިއްކާ ނިންމާފައިވާކަމަށެވެ.
މި މަޝްރޫޢު ކުރިއަށް ގެންދަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ޙަވާލުކޮށްގެންނެވެ. ބިން ހިއްކުމަށް ބޭނުންކުރަނީ ބޮސްކާލިސްގެ 22,000 ސީބީއެމްގެ ޑްރެޖަރެކެވެ. މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދާއިރު، މި މަސައްކަތްތައް ބަލަހައްޓަވަމުން ގެންދަވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.
މާފަންނުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ފޭސް 3 ހިއްކުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާ، ގޯތިތައް ދޫކުރެވެން ފެށޭނެކަމަށެވެ. އަދި މި ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމުމާއެކު، ގުޅީފަޅު ބިން ހިއްކުމަށް މި 2 ޑްރެޖަރު ބޭނުންކުރެވޭނެކަމަށާއި، ގާތްގަނޑަކަަށް ދެތިން މަސްދުވަހުގެ ތެރޭގައި ގުޅީފަޅުގެ ބިން އެއްކޮށް ހިއްކާ ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލެއް ގެނައުމަށް 5 ސަރަޙައްދަކުން 1600 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މިގޮތުން ހުޅުމާލެ 3 ވަނަ ފިޔަވަހީގެ މަސައްކަތުގެ އިތުރުން، ގުޅިފަޅުން ޖުމްލަ 277 ހެކްޓަރުގެ ބިން ހިއްކުމަށް މަސައްކަތް ކުރެއެވެ. މީގެތެރޭގައި ފުރަތަމަ ފިޔަވަހީގައި ހިއްކަން ނިންމި 192 ހެކްޓަރާއި، ރައީސުލްޖުމްހޫރިއްޔާ އިތުރަށް ހިއްކުމަށް ނިންމެވި 85 ހެކްޓަރުގެ ބިންވެސް ހިމެނެއެވެ. މީގެ އިތުރުން ރަސްމާލެ ހިއްކުމުގެ މަސައްކަތްވެސް ވަނީ އަވަސްކޮށްފައެވެ.

