ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިޔާ ފްލެޓު ސްކީމުން ކުރީގެ ސަރުކާރުން ފްލެޓު ނުލިބޭނެކަމަށް ނިންމި ފަރާތްތަކަށް، މި ސަރުކާރުން އެންމެ ފުރަތަމަ ހިންގާ ސޯޝަލް ހައުސިން ސްކީމުގެ ތެރެއިން ފްލެޓްތައް ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހިޔާ ފްލެޓުތަކުން ފްލެޓު ނުލިބޭނެކަމަށް ނިންމުނު ފަރާތްތަކަށް ޚާއްސަ ކެޓަގަރީއެއް ކަނޑައަޅާފައިވާ ކަމަށެވެ. އެބޭފުޅުން ޖެހޭނީ ހަމައެކަނި މިސަރުކާރުން ކުރިއަށްގެންދާ ސޯޝަލް ހައުސިން ޔުނިޓުތަކަށް ހުށަހަޅަން ކަމަށާއި، އިތުރު އެއްވެސް ލިޔުމެއް ހުށަހަޅާކަށް ނުޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން ތަރައްޤީކުރާ 7500 ފްލެޓު ހިމެނޭ މަޝްރޫޢުތަކުގެ ތެރެއިން މި ފަރާތްތަކަށް ފްލެޓު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ބީއެމްއެލް ފައިނޭންސްގެ ދަށުން ފަށާ މަޝްރޫޢާއި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ފަށާ މަޝްރޫޢު ހިމެނެއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ހުރިހާ ފަރާތްތަކަށް އެއްފަހަރާ ފްލެޓު ދޫކުރުމުގެ ގޮތް ނޯންނާނެއެވެ. “އެއްފަހާރާ އެންމެނަށް ލިބޭގޮތަށް އެއް ޕްރޮޖެކްޓަކުން ފްލެޓުތަކެއް ނުއެއް އެޅޭނެ. ފުރަތަމަ ފަށާ ޕްރޮޖެކްޓުން ވަކި ވަރެއް ކަނޑައަޅާފައި މިވަނީ ފްލެޓު އަތުލި ފަރާތްތަކަށް ދިނުމަށް. އެކަން ކުރިއަށް އެބައޮތް. އެކި ކެޓަގަރީތަކުން،” ރައީސް ވިދާޅުވިއެވެ.
ހުޅުމާލެ 3 އަދި ގިރާވަރު ފަޅު ހިއްކުން
ބޯހިޔާވަހިކަމުގެ އެހެނިހެން މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، މި މަހުގެ ނިޔަލަށް އެ މަސައްކަތް ނިމިގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހު އެ ބިމުން ގޯތި ދޫކުރުމުގެ މަސައްކަތާއި ރަޖިސްޓްރީތައް ހަދަން ފަށާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔަގީންކަން ދެއްވީ ލޭންޑްޔޫސް ޕްލޭން ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެއްވެސް މީހަކަށް ލިބިފައިވާ ގޯއްޗެއް މި ސަރުކާރުން އަތުނުލާނެ ކަމަށެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާނީ ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކާ ނިމުމުން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދެ ޑްރެޖަރ ބޭނުންކޮށްގެން ތިން މަސް ދުވަހުގެ ތެރޭގައި ގިރާވަރު ފަޅު ހިއްކާ ނިންމާލެވޭނެ ކަމަށާއި، ބިން ހިއްކާ ނިމުމާއެކު އެތަނުން ގޯތި ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. މީގެ އިތުރުން، ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި، އެއްވެސް މީހަކު ކެންސަލްނުކޮށް ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. ރައީސް ވަނީ ހިއްކާ ބިންތަކުގައި ޔުޓިލިޓީގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބަޖެޓުގައި ހިމަނާފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

