މަޝްހޫރު ރިއަލިޓީ ޝޯ ބިގް ބޮސްގެ 19 ވަނަ ސީޒަންގެ ޗެމްޕިއަންކަން، ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަހު އެ ގެއިން އެތެރޭގައި ހޭދަކުރުމަށް ފަހު، އެކްޓަރު ގޯރަވް ކަންނާ ހޯދައިފިއެވެ. ފައިނަލްގައި އޭނާ ވަނީ އެކްޓަރު ފަރްހާނާ ބަޓް ބަލިކޮށް، މި ޝޯގެ ތަށި އުފުލާލާފައެވެ. މި ކާމިޔާބީއަށް ފަހު، ގޯރަވް ވަނީ އޭނާގެ އިންސްޓަގްރާމްގައި، ތައްޓާއެކު އޭނާގެ އަނބިކަނބަލުން އަކަންކްޝާ ޗަމޯލާ އަދި ކުރީގެ ކޮންޓެސްޓެންޓެއް ކަމަށްވާ މިރްދުލް ތިވާރީއާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ.
މަޝްހޫރު ސީރީޒް "އަނޫޕަމާ" އިން ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބުނު އަދި ޓެލެވިޝަންގެ "ސުޕަރ ސްޓާ" ކަމުގެ ލަގަބު ބިގްބޮސް ތެރެއިން ހާސިލު ކޮށްފައިވާ ގޯރަވް މި އެވޯޑު އުފުލާލިއިރު، ރަނަރަޕެއްގެ ގޮތުގައި ހޮވިފައިވަނީ، މަދުން ނަމަވެސް ބައެއް ޕްރޮޖެކްޓުތަކުގައި އެކްޓު ކޮށްފައިވާ އަދި ޕީސް އެކްޓިވިސްޓުކަންވެސް ކޮށްފައިވާ ފަރްހާނާ ބަޓް އެވެ. ގިނަ ދުވަސްތަކެއްގެ ހަމަނުޖެހުންތަކާއި، ޑްރާމާތަކާއި، އެލިމިނޭޝަންތަކަށް ފަހު، ބިގް ބޮސް 19 ގެ ޗެމްޕިއަންކަން ގޯރަވް ކަންނާއަށް ލިބިފައިވާއިރު، އޭނާއަށް ވަނީ 50 ލައްކަ ރުޕީސްގެ ނަގަދު އިނާމެއް ލިބިފައެވެ.
ސަލްމާން ޚާން ހޯސްޓުކުރި ބިގް ބޮސް 19 ގެ ފައިނަލްގެ އެންމެ ފަސް ކޮންޓެސްޓެންޓުންނަކީ ގޯރަވް ކަންނާ، ފަރްހާނާ ބަޓް، ޕްރަނިތު މޯރް، ތާނިޔާ މިއްތަލް އަދި އާމާލް މައްލިކް އެވެ. ފައިނަލުން ފުރަތަމަ ވަކިވީ އާމާލް މައްލިކް އެވެ. އޭގެ ފަހުން ތާނިޔާ މިއްތަލް އަދި އެއަށްފަހު ޕްރަނިތު މޯރް ވަކިވިއެވެ. އެންމެ ފަހު ވަގުތު ޗެމްޕިއަންކަމަށް ވާދަކުރަން ތިބީ ފަރްހާނާ ބަޓް އާއި ގޯރަވް ކަންނާ އެވެ.
ފާއިތުވީ ތިން މަސް ދުވަހު ބިގްބޮސް ކުރިއަށް ގެންގޮަސްފައިވާއިރު، މިއަހަރު އެ އެވޯޑު ހާސިލުކުރި ގޯރަވް ކަންނާ ވަނީ އޭނާގެ އެ ދަތުރުގައި ގިނަ ފާޑުކިޔުންތަކާއި މަލާމާތާ ވެސް ކުރިމަތިލާފައެވެ. އެގޮތުން އޭނާއަށް އެންމެ ގިނައިން ފާޑުކިޔައި، މަލާމާތްކުރި އެކަކު ކަމުގައި ފަރްހާނާ ވާއިރު، ޝޯ ތެރެއިންދިޔަ އެ ދެމީހުންގެ ކުރިމަތިލުމެއްގައި ގޯރަވްއަށް ވަރަށް ބޮޑަށް މަލާމާތްކުރި ދުވަހެއްގައި އޭނާ ވަނީ، ފައިނަލްގައި ތަށި އުފުލާނީ އޭނާ ކަމަށާއި ފަރްހާނާ އެވަގުތު އޭނާއަށް ތަރުހީބުގެ އަތްތިލަބަޑިވެސް ޖަހާނެ ކަމަށް ބުނެފައެވެ. ރޭގެ ފިނާލޭގައި ކަން ވީވެސް ހަމަ އެފަދައިންނެވެ. ޝޯ ކާމިޔާބު ކުރުމާ ނުހަނު ގާތްވުމަށްފަހު ފަރްހާނާ ބަލިކޮށް، މިއަހަރުގެ ބިގްބޮސް ކާމިޔާބުކޮށްފައިވަނީ ގޯރަވް އެވެ.
ކާމިޔާބަށް ފަހު އޭނާގެ ފުރަތަމަ ޕޯސްޓުގައި ގޯރަވް ލިޔެފައިވަނީ، "މިފަހަރުގެ ބިގްބޮސް ވިނަރ މިހިރީއެވެ. ތިޔަ އެންމެންގެ ބޮޑު އެހީތެރިކަމަށް ޝުކުރުވެރިވަން. ތަށި ގެއަށް އަތުވެއްޖެއެވެ." އޭނާގެ ޓީމުން ވަނީ ފައިނަލަށް ފަހު ދިގު ޕޯސްޓެއް ހިއްސާކޮށްފައެވެ. ތަށްޓާއެކު ގޯރަވް ހުރި ފޮޓޯއަކާއި އޭނާގެ އަނބިމީހާއާއެކު ހުރި ފޮޓޯއެއް ހިއްސާކުރަމުން ޓީމުން ލިޔެފައިވަނީ،
"ތިން މަސް ދުވަހުގެ ދަތުރު ނިމުމަކަށް އަތުވެއްޖެއެވެ. އަދި މި ނިމުން ހާދަހާ ރީއްޗެވެ. ތަށި މިހާރު ގެއަށް އަތުވެއްޖެއެވެ. އެމީހުން އަބަދުވެސް އަހާ، "ޖީކޭ ކުރާނީ ކީއްހޭ؟" އަދި އަބަދުވެސް އަޅުގަނޑުމެން ބުނާނެ ޖީކޭ ތަށި އަޅުގަނޑުމެންނަށް ގެނެސްދޭނެއެވެ. އޭނާ އެކަން ކޮށްފިއެވެ. މި ދަތުރު ވަނީ އެންމެ ރީތި ގޮތުގައި ހިތްގައިމުވެފައެވެ. އަޅުގަނޑުމެން ކޮންމެ ދުވަހަކުވެސް ގޯރަވްއާއެކު އުޅުނިން – ކޮންމެ އުފަލެއްގައި، ކޮންމެ ހިތްދަތިކަމެއްގައި، ކޮންމެ ހިތްވަރެއްގައި އަދި ކޮންމެ އިއްޒަތްތެރި ކަމެއްގައެވެ. އަދި މިއަދު، މި ކާމިޔާބީ އަކީ އަޅުގަނޑުމެންގެ އަމިއްލަ ކާމިޔާބީއެއް ކަމުގައި ދެކެމެވެ."
ޓީމުން އިތުރަށް ލިޔެފައިވަނީ، "މިއީ އިތުބާރުކުރި، ވޯޓުދިން، އޭނާއާއެކު ތިބި، އޭނާގެ ހުވަފެން އެމީހުންގެ ހުވަފެން ކަމުގައި ހެދި ކޮންމެ މީހެއްގެ ކާމިޔާބީއެކެވެ. މިއަދު، އަޅުގަނޑުމެން މި ފާހަގަކުރަނީ ހަމައެކަނި ތައްޓެއް ނޫނެވެ. އަޅުގަނޑުމެން މި ފާހަގަކުރަނީ އިތުބާރާއި، ލޯތްބާއި، އެކުވެރިކަމެވެ. އަޅުގަނޑުމެން މި ކާމިޔާބު ފާހަގަ ކުރަނީ ތިޔަ އެންމެހާ ތަރުހީބާއި ލޯބި ދިން މީހުންނާވެސް އެކުގައެވެ. ހިތުގެ ފުންމިނުން ޝުކުރިއްޔާ."

