މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 1.8 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ސްޓިކްސް ނައްތާލައިފި އެވެ. މި ތަކެތި ނައްތާލާފައި ވަނީ އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް ސަރަހައްދުގަ އެވެ. މިއީ ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހިފެހެއްޓުނު ބޮޑު ޝިޕްމަންޓެކެވެ.
ކަސްޓަމްސް އިން މިއަދު ދިން ބަޔާނެއްގައި ބުނެފައި ވަނީ، ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފަހައްޓާފައި ހުރި ޖުމްލަ 1,830,000 (އެއް މިލިއަން އަށްލައްކަ ތިރީސްހާސް) ސިނގިރޭޓް ސްޓިކްސް ނައްތާލާފައިވާ ކަމަށެވެ. މި ތަކެތި ހިފެހެއްޓުނީ އައްޑޫ ސިޓީ ހިތަދޫ ޕޯޓުންނެވެ. ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ވެސް ހިތަދޫ ޕޯޓްސް ސަރަހައްދުގައި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
ރާއްޖޭގައި ދުންފަތުގެ ޤާނޫނު ހަރުކަށި ކުރުމާ ގުޅިގެން، ވަގަށް ސިނގިރޭޓް އެތެރެކުރުމުގެ މަސައްކަތް ކުރާ ފަރާތްތައް ހުއްޓުވުމަށް ސަރުކާރުގެ އިދާރާތަކުން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. މިހާރު ވެސް މިފަދަ ބޮޑެތި އެތައް މައްސަލަތަކެއް ދަނީ ބަލަމުންނެވެ. ކަސްޓަމްސްގެ މި އަމަލަކީ ޤާނޫނު ތަންފީޒު ކުރުމުގައި އެއްވެސް ފަރާތަކަށް ބެލުމެއް ނެތި ސަރުކާރުގެ އިދާރާތަކުން ކުރިއަށްދާކަން ހާމަވާ ކަމެކެވެ.
ގަވާއިދާ ޚިލާފަށް ތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ކަސްޓަމްސް އިން ދަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ. މިފަދަ ބޮޑެތި ޝިޕްމަންޓްތައް ހިފެހެއްޓުމަކީ ރާއްޖޭގެ ބާޒާރަށް ވަގަށް އެތެރެކުރެވޭ ތަކެތީގެ އަދަދު މަދުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ. ކަސްޓަމްސް އިން ބުނެފައި ވަނީ ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ވެސް ވަރުގަދަ ކުރާނެ ކަމަށެވެ.

