ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ. މި ތަކެތީގެ އަގު ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާއަށް އަރައެވެ. މިކަން ހާމަކޮށް ކަސްޓަމްސްއިން ބުނީ، މި ތަކެތި އަތުލައިގަނެފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.
ކަސްޓަމްސްއިން ދިން މައުލޫމާތުގައިވާ ގޮތުން، އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު 936,000ރ (ނުވަލައްކަ ތިރީސް ހަހާސް ރުފިޔާ) އަށް އަރައެވެ. އަދި އަތުލައިގަނެވުނު ތަކެއްޗަކީ ކެނެބިސް ފަތް ކަމަށާއި، އެ ތަކެތީގެ ޖުމްލަ ބަރުދަނަކީ 1.170 ގްރާމް ކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
މި މަސްތުވާތަކެތި އަތުލައިގަނެވުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގާނޫނު ތަސްދީގުކުރި ދުވަސްވަރާ ދިމާކޮށެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ސުޕްރީމް ކޯޓުގެ އިއްތިފާގާ އެކު މަރުގެ އަދަބު ދިނުމަށް ގާނޫނަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހުއެވެ. އަދި އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ގާނޫނު ތަސްދީގުކުރައްވައިފައެވެ.
މިފަދަ ބޮޑެތި އަދަދުތަކުގެ މަސްތުވާތަކެތި ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅޭ މައްސަލަތައް ގިނަވެފައިވާ މި ދަނޑިވަޅުގައި ކަސްޓަމްސްއިން މިކުރި މަސައްކަތަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮންޓްރޯލް ކުރުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.

