އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިވި ކާރިސާއިން އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މަހަލްދީބް ފައުންޑޭޝަނުން އެއްކުރި ތަކެތި މޯލްޑިވިއަންގެ ފްލައިޓްގައި ސްރީލަންކާއަށް ފޮނުވައިފިއެވެ. މި އެހީތެރިކަމަކީ ސްރީލަންކާއަށް ކުރިމަތިވި ތޫފާން ދިތުވާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދިވެހިރާއްޖެއިން ފޯރުކޮށްދެމުންދާ އެހީގެ ބައެކެވެ.
މޯލްޑިވިއަންއިން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން ސްރީލަންކާގެ ރައްޔިތުންނަށް ފޮނުވުމަށް އެއްކޮށްފައިވާ 3.8 ޓަނުގެ މުދާ، އެ އެއަރލައިނުން އެ ޤައުމަށް ހިލޭ ގެންގޮސްދީފައިވާކަމަށެވެ. މި މުދަލުގެ ތެރޭގައި އެންމެ އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހިމެނެއެވެ.
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ލިބުނު ގެއްލުމުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ ފުރަތަމަ އިސްނެގި ޤައުމަކީ ރާއްޖެއެވެ. މިކަމާ ގުޅިގެން "ސިލޯނާއެކު ދިވެހީން" ގެ ނަމުގައި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެންވަނީ ޚާއްސަ ޓެލެތޯނެއްވެސް ކުރިއަށްގެންގޮސްފައެވެ. މި ޓެލެތޯނަށް ސަރުކާރުގެ ގިނަ ވުޒާރާތަކާއި، އިދާރާތަކާއި، ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ޓެލެތޯން މެދުވެރިކޮށް ޖުމުލަ 834,843.98 ޑޮލަރު (އަށާރަ މިލިއަނަށް ވުރެ ގިނަ ރުފިޔާ) ލިބިފައިވާއިރު، މި ފައިސާ މިހާރު ވަނީ ސްރީލަންކާގެ ސަރުކާރަށް ރަސްމީކޮށް ހަވާލުކޮށްފައެވެ. ރާއްޖެއިން އިސްނަގައިގެން ސްރީލަންކާއަށް އެހީތެރިވުމަށް ކުރިއަށްގެންދިޔަ މި ހަރަކާތައް ސްރީލަންކާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ޝުކުރު އަދާކޮށްފައެވެ. ސޯޝަލް މީޑިއާގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުންވަނީ ޝުކުރު އަދާކުރުމަށް ޚާއްސަ އެއްވުމެއްވެސް ބާއްވާފައެވެ.

