އެއްވަނަ ޓީމަކަށް އެއްލައްކަ ރުފިޔާގެ ބޮޑު އިނާމެއް ކަނޑައަޅާފައިވާ ޔޫތު ހެކަތޯން ފެށުމަށް، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން (މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް) ތައްޔާރުވެއްޖެއެވެ. މި ހެކަތޯން އޮންނާނީ ޑިސެމްބަރު 11 އިން 13 އަށް އަލަށް ހުޅުވި ޔޫތު ހަބުގައި ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މި ހެކަތޯންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ފޯމެއް މެދުވެރިކޮށް ނުވަތަ ކިއުއާރު ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީވުމުގެ ފުރުސަތު ދީފައެވެ. މި ހެކަތޯންއިން އެންމެ މޮޅު ތިން ޓީމް ހޮވުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެއްވަނަ އަށް ހޮވޭ ޓީމަކަށް 100،000 ރުފިޔާ، ދެވަނަ އަށް ހޮވޭ ޓީމަކަށް 75،000 ރުފިޔާގެ އިތުރުން ތިންވަނަ އަށް ހޮވޭ ޓީމަކަށް 50،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ހެކަތޯންއަށް ކަނޑައަޅާފައިވާ ހަތަރު މުހިންމު ތީމްތަކަކީ: ޕްލޭ، މޫވް، ލިވް (ކުޅިވަރާއި، ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމާއި، ހަރަކާތްތެރި ދިރިއުޅުމުގެ އާދަތަކަށް އަމާޒުކޮށްގެން)، ބެލެންސް، ކަނެކްޓް، ތްރައިވް (ނަފްސާނީ ދުޅަހެޔޮކަމާއި، މުޖުތަމަޢީ ގުޅުންތަކާއި، ނަފްސާނީ ހިފެހެއްޓުންތެރިކަމަށް އަމާޒުކޮށްގެން)، ލޯންޗް، އާން، ތްރައިވް (ޒުވާނުންގެ ވިޔަފާރިތަކާއި، ގިގް އިކޮނޮމީގެ ފުރުސަތުތަކަށް އަމާޒުކޮށްގެން)، އަދި އިމޭޖިން، އެކްސްޕްރެސް، އިންސްޕަޔަރ (ފަންނާއި، ސަގާފަތާއި، ޑިޖިޓަލް އީޖާދީ ގާބިލިއްޔަތުތަކަށް އަމާޒުކޮށްގެން) މި ތީމްތަކެވެ.
މޯލްޑިވްސް ޔޫތު ހެކަތޯންއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާތެރޭގައި ފެށިފައިވާ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ޓެކްނޮލޮޖީގެ ދާއިރާގައި ޒުވާނުން ކުރިއަށް ގެންދިޔުމަށް ބޭނުންވާ ހުނަރު ތަރައްގީކޮށް، އެ ހުނަރު ދުނިޔޭގެ ބާޒާރުގައި ބޭނުން ކުރެވޭ ވަރަށް ފުރުސަތުތައް ތަނަވަސްކޮށްދިނުން ކަމަށް ވުޒާރާއިން ބުނެއެވެ. މިދިޔަ އަހަރު ބޭއްވި ހެކަތޯނަށް ވެސް ބޮޑު ތަރުޙީބެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.
ޒުވާނުންގެ ވުޒާރާއިން ވަނީ ޔޫތު ހަބާއެކު ޒުވާނުންނަށް ތަނަވަސްކޮށްދޭ ފުރުޞަތުތައް އިތުރުކޮށްފައެވެ. އެއް ފުރާޅެއްގެ ދަށުން ޒުވާނުންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެވޭ ގޮތަށް ހުޅުވި ޔޫތު ހަބު ހުޅުވިފަހުން، މިދިޔަ ހަފްތާ ބަންދުގައި ކުޑަކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން މޫވީ ނައިޓް ބާއްވާފައިވާއިރު، އޭގެކުރީ ހަފްތާ ވަނީ ކާމިޔާބުކަމާއެކު “ސަޅި ފެސްޓް 2025” ބާއްވައިފައެވެ. ވުޒާރާއިން ބުނާ ގޮތުގައި މި ހަރަކާތްތަކުގެ ބޭނުމަކީ، ޒުވާނުންގެ ހުނަރު ދައްކާލުމުގެ ފުުރުސަތު ފަހިކޮށްދިނުމުގެ އިތުރުން ޒުވާނުންގެ ހުނަރު ތަރައްޤީކޮށް މުޖުތަމައުތެރޭގައި ބޭނުންތެރި ބަޔަކަށް ޒުވާނުން ހެދުމެވެ.

