އާ ޚިދުމަތްތަކާއި ފީޗަރސްތަކާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ އެޕްލިކޭޝަން ކަމަށްވާ “ޕޮލިސް އެމްވީ” ވަނީ އަލުން އިފްތިތާޙުކޮށްފައެވެ. މި އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތެވެ. މި އެޕްލިކޭޝަން ތައްޔާރުކޮށްފައިވަނީ ފުލުހުންގެ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބިގަނެވޭނެ ގޮތަށް، އަދި ޚިދުމަތަށް އެދެވޭނެ ގޮތަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، “ޕޮލިސް އެމްވީ” އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ އީފާސް މެދުވެރިކޮށް ލޮގިންވެވޭ ގޮތަށް، މޯލްޑިވްސް 2.0 އުސޫލުތަކާ އެއްހަމަކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތުގެ ދުވެލި ހަލުވިވާނެ ގޮތަށް ކަމަށެވެ. މިކަމުގެ ސަބަބުން މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، ޚިދުމަތްތައް ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދެވޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެޕްލިކޭޝަނަށް އަލަށް އިތުރުކުރެވުނު މުހިންމު ޚިދުމަތްތައް
އެޕްލިކޭޝަނަށް އަލަށް އިތުރުކޮށްފައިވާ ޚިދުމަތްތަކުގެ ތެރޭގައި މައްސަލަ ހުށައެޅުމާއި، ތަހުޤީޤު ކުރާ މައްސަލަތަކާ ގުޅޭ ހެކި ހުށަހެޅުމުގެ ފުރުސަތު ހިމެނެއެވެ. މީގެ އިތުރުން، ދިރިއުޅޭ ވެށީގައި ހިނގާ ކުށްތަކުގެ މަޢުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް ރިޕޯޓް ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. މައްސަލަ ތަޙުގީގު ކުރާ އޮފިސަރުގެ މަޢުލޫމާތާއި، އެފަރާތާއި ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއްވެސް މި އެޕްލިކޭޝަންގެ ތެރެއިން ފަހިވާނެއެވެ.
އަލަށް ތަޢާރަފުކުރެވުނު އެހެން ޚިދުމަތްތަކުގެ ތެރޭގައި، ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަށް ނުވަތަ ބަންދުގައިވާ މީހެއްގެ ޤާނޫނީ ވަކީލަކަށް އައްޔަންވުމަށް އެދި އޮންލައިންކޮށް އެޕްލައި ކުރުމުގެ ޚިދުމަތް ހިމެނެއެވެ. އަދި ގެއްލިގެން ރިޕޯރޓް ކޮށްފައިވާ ތަކެއްޗާއި، ޓޯކޮށްފައިވާ އުޅަނދުފަހަރުގެ މަޢުލޫމާތާއި، ފުލުހުންނާއެކު ކޮށްފައިވާ އެކިއެކި މުޢާމަލާތްތަކާއި ހުށަހަޅާ ސިޓީތަކުގެ އަދާހަމަ މައުލޫމާތުތައް ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ.
މީގެ އިތުރުން، ޕޮލިސް ސެޓްފިކެޓް އަދި ރެކޯޑް ކްލިއަރެންސް ފަދަ ޚިދުމަތްތަކަށް އޮންލައިންކޮށް އެޕްލައި ކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް، މި ސެޓްފިކެޓްތައް ޑިޖިޓަލްކޮށް ޑައުންލޯޑް ކުރެވޭނެ ގޮތްވެސް ވަނީ މި އެޕްލިކޭޝަންގައި ޤާއިމުކޮށްފައެވެ.
ފުލުހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ މޯލްޑިވްސް 2.0ގެ ސިޔާސަތުގެ ދަށުން ފުލުހުންގެ ޚިދުމަތް ޑިޖިޓަލީ ޓްރާންސްފޯމް ކުރުމަށް މި އެޕްލިކޭޝަން މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. އަދި މި މަސައްކަތަކީ، ރައްޔިތުންނާއި ފުލުހުންނާ ދެމެދު ގާތް ގުޅުމެއް އުފެދި، ރައްކާތެރި މުޖުތަމަޢެއް ޤާއިމު ކުރުމުގައި ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދޭ ކަމެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

