މާލޭގެ މުހިންމު މަގެއްކަމަށްވާ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1ގެ މަސައްކަތްތައް ނިންމާ، އެ ސަރަހައްދު އާއްމުކޮށް ބޭނުންކުރުމަށް ހުޅުވާލައިފިއެވެ. މި މަސައްކަތްތައް ކުރިއަށްގެންދިޔައީ އެމްޓީސީސީ (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ) އިންނެވެ. ސެގްމެންޓު 1 ގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ދެ ފިޔަވައްސަކަށެވެ. މިހާރު މަސައްކަތް ނިމިފައިމިވަނީ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1 ގެ 130 މީޓަރުގެ ސަރަޙައްދެވެ. މި ސެގްމަންޓްގައި ހިމެނެނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއާ ހަމައަށް ހިމެނޭ ސަރަހައްދެވެ. މި މަސައްކަތުގެ ތެރޭގައި، މަގު ފުޅާކުރުމަށްޓަކައި އެ ސަރަޙައްދުގެ އެއްގަމު ތޮށި 6 މީޓަރު ބޭރަށް ޖައްސައިގެން ތަރައްޤީކޮށްފައިވެއެވެ. އަދި މަގު ތަރައްޤީކޮށްފައިވަނީ ޒަމާނީ ފެން ހިންދާ ނިޒާމަކާއެކުގައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކުގައި، ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރެއެވެ. ފޭސް 1 ގައި ހިމެނޭ، ލޯކަލް މާރުކޭޓުން ފަށައިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ހިމެނޭ 5 ސެގްމަންޓަކީ ޖުމްލަ 838 މީޓަރެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.
އެމްޓީސީސީން ހާމަކުރެއްވި ގޮތުގައި، ސެގްމަންޓް 1 ގެ މަސައްކަތް ނިމުމަށްފަހު ދެން މަސައްކަތް ފަށާނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ 250 މީޓަރުގެ ސަރަޙައްދެއްގެ މަސައްކަތެވެ. މީގެ އިތުރުން، ސަރުކާރުން ވަނީ މާލެ ސަރަޙައްދުގައި މަގު ހެދުމުގެ ބޮޑު މަޝްރޫޢެއް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިއުމަށްވެސް ނިންމާފައެވެ. އެކަމުގެ ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

