ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭންގެ ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ކޮންސަލްޓަންޓެއް ހޯދަން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރި ކަމާބެހޭ ވުޒާރާއިން އިއުލާންކޮށްފިއެވެ.
ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭންގެ ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ކޮންސަލްޓަންޓެއް ހޯދުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރި ކަމާބެހޭ ވުޒާރާ (މާލީ ވުޒާރާ) އިން އިއުލާންކޮށްފިއެވެ. މި މަސައްކަތަކީ އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އީއޯއައި (އެކްސްޕްރެޝަން އޮފް އިންޓެރެސްޓް) ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މާލީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ކޮންސަލްޓެންސީގެ މައިގަނޑު މަޤްޞަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ މާސްޓަރ ޕްލޭނެއް އެކުލަވައިލުމެވެ. މި ޕްލޭނުގެ ބޭނުމަކީ ވެރިކަން ކުރާ ރަށާއި ރަސްމާލެއާ ދެމެދު، އަދި ރަށުގެ އެތެރޭގައިވެސް ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމެވެ. މިކަމުގެ ސަބަބުން ރަސްމާލޭގެ ތަރައްޤީއަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހެޅުމަށް ވުޒާރާއިން ވަނީ އިރުޝާދު ދެއްވާފައެވެ. ކޮންސަލްޓަންޓެއް ހޮވާނީ، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިޔުސީބީއެސް) މެތަޑާ އެއްގޮތަށް ކަމަށާއި، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެ ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭންގެ ފީޒިބިލިޓީ ހަދަން ޝައުޤުވެރިވާ ފަރާތްތަކަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
ރަސްމާލެއަކީ، މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިންމުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި މަސައްކަތް އަވަސްކުރުމަށް 3 ޑްރެޖަރު ބޭނުންކޮށްގެން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ރަސްމާލެ ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވަނީ، ތިމާވެއްޓާ ރައްޓެހި ސިޓީއެއް ނުވަތަ އިކޯ ސިޓީއެއްގެ ގޮތުގައެވެ.

