ގައިން ގަޔަށް ނާރާ ބަލިތަކަށް ފަރުވާ ދިނުމުގައި ޢަމަލުކުރަންޖެހޭ 28 ވަނަ ޤައުމީ މިންގަނޑާއެކު އެފަދަ ބަލިތަކަށް ދެމެހެއްޓެނިވި ކަމާއެކު ކޮލިޓީ ފަރުވާދެވޭކަން ކަށަވަރު ކުރެވޭނެ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލިތަކަށް ފަރުވާދިނުމުގައި ޢަމަލުކުރަންޖެހޭ ޤައުމީ މިންގަނޑު އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ނާޡިމް ވަނީ، ގައިން ގަޔަށް ނާރާ ބަލިތަކަށް ފަރުވާދިނުމުގައި މިންގަނޑެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި މަރުވާ މީހުންގެ 70 އިންސައްތައަކީ، ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ތަފާސްހިސާބުތައް ޙިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، 2021 ވަނަ އަހަރު ދުނިޔޭގައި މަރުވި 43 މިލިޔަން މީހުންގެ ތެރެއިން 18 މިލިޔަން މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން 70 އަހަރު ނުވަނީސް މަރުވި މީހުން ކަމަށެވެ. އެހެންކަމުން މިފަދަ ބަލިތަކުން ދުރާލާ ރައްކާތެރިވެ، ކޮލިޓީ ޞިއްޙީ ފަރުވާ ދެވޭކަން ކަށަވަރު ކުރުމަށް ޤައުމީ މިންގަނޑެއް އޮތުން މުހިންމު ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަލަށް އެކުލަވާލި މި މިންގަނޑާއެކު ކެންސަރާއި، ކިޑްނީއަށް ޖެހޭ ނުރައްކާތެރި ބަލިތައް ފަދަ ގައިން ގަޔަށް ނާރާ ބަލިތަކަށް ދެމެހެއްޓެނިވި ކަމާއެކު ކޮލިޓީ ފަރުވާދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވިއެވެ: “މި މިންގަނޑާ އެއްގޮތަށް ސިޔާސަތުތައް ތަންފީޒުކޮށް ފަރުވާތައް ބައްޓަން ކުރެވިއްޖެނަމަ ރައްކާތެރި ކޮލިޓީ ޞިއްޙީ ފަރުވާ ފޯރުކޮށްދެވި، ބަލިތަކުގެ ސަބަބުން ދިމާވާ އަވަސް މަރުތައް މަދު ކުރެވޭނެ. އަދި ޕްރޮކިއުމެންޓާއި، އެތެރެ ކުރަންޖެހޭ ބޭހާއި، ޞިއްޙީ އާލާތްތައް އެންމެ އެކަށީގެންވާ ޚަރަދު ކުޑަ ގޮތަކަށް އެތެރެ ކުރުމަށް މަގުފަހިވާނެ.”
ޞިއްޙީ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި، ގައިން ގަޔަށް ނާރާ ބަލިތަކަށް ފަރުވާ ދިނުމުގައި ޢަމަލުކުރަންޖެހޭ 28 ވަނަ ޤައުމީ މިންގަނޑާއެކު ކޮލިޓީ އަދި ރައްކާތެރި ފަރުވާ ފޯރުކޮށްދެވޭ ޞިއްޙީ ނިޒާމެއް ޤާއިމުކުރަން މަގުފަހިވާނެއެވެ. އަދި މިއީ ފަރުވާ ދޭ މީހުންނަށްވެސް އަވަސް ރަނގަޅު ނިންމުންތައް ނިންމަން މަގުފަހިވާނެ މިންގަނޑެކެވެ. ވަޒީރުގެ ވާހަކަފުޅުގައި ގައިން ގަޔަށް ނާރާ ބަލިތަކުގެ އިތުރުންވެސް އެކި ބާވަތްތަކުގެ ބަލިތަކަށް ފަރުވާ ދިނުމުގައި ޢަމަލު ކުރަންޖެހޭ ގޮތުގެ އެކި މިންގަނޑުތައް ހެދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަން ފާހަގަކުރެއްވިއެވެ.
މި ޤައުމީ މިންގަނޑު އެކުލަވާލާފައިވަނީ، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއާއި، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއި، ޖަޕާން ފަންޑް ފޮރ ޕްރޮސްޕެރަސް އެންޑް ރެސިލިއެންޓް އޭޝިޔާ އެންޑް ދި ޕެސިފިކްއާއި ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއެކުގައެވެ.

