ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް ގެއްލުނު މައްސަލައަކާ ގުޅިގެން، ފުލުހުންގެ ސީނިއަރ ސާޖަންޓް ރޭންކުގައި ހުރި ފުލުހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައަކީ ފުލުހުންގެ މުއައްސަސާގެ ތެރޭގައި ހިނގާފައިވާ ސީރިއަސް މައްސަލައެއް ކަމަށް ވެއެވެ.
ފުލުހުން މިރޭ ދިން މައުލޫމާތުގައި ބުނީ، ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް މަދުވެފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އދ. ދިގުރަށް/ ޝަބުނަމީގެ، 39 އަހަރުގެ މުނައްވަރު އާދަމް ކަމަށެވެ. އޭނާ ހުރީ ފުލުހުންގެ ސީނިއަރ ސާޖަންޓް ރޭންކުގައެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅިގެން އޭނާ ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ވެސް ކުރެވިފައެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދަނީ ފުލުހުންނާއި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން (އެންއައިސީ) ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައެވެ. ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް ގެއްލުނު ދެ މައްސަލައެއް ބަލަމުން އަންނަކަން ފުލުހުން ހާމަކޮށްފައި ވަނީ 22 ނޮވެމްބަރު 2025 ގައެވެ.

